ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެންޑީއެފްގެ އިސް އޮފިސަރެއް ކަމަށްވާ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވަނީ ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ހަ ދައުވާއެއް ކުރުމަށެވެ.
އެއީ ރިޝްވަތު ހިފުމުގެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމުގެ ދައުވާއާއި، ވަކި މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
މި މައްސަލާގައި ދައުލަތަށް ލިބެން ޖެހޭ އެއް ލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާނެ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމްއެންޑީއެފްގެ ވަޒީފާއިން ޒުބައިރު ސަސްޕެންޑްކޮށްފައިވެސް ވެ އެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަވީނަކީ 1994 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގައި ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.












