އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމައިފި އެވެ.
މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން މިއަދު ބުނީ އެގޮތަށް ނިންމީ ދިވެހިރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށެވެ.
"ދިވެހިރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީ ގާއިމް ކުރުމަށް ޓަކައި އެމްޑީއޭގެ ކައުންސިލް މީޓިން އިން މިއަދު ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް،" އެ ޕާޓީން ބުނެފައިވެ އެވެ.
އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިން ވަނީ އެމްޑީޕީއާއި ޕީޕީއެމްއާއެކުގައި ވެސް ކޯލިޝަންގެ މަޝްވަރާތައް ކޮށްފަ އެވެ. ޕީޕީއެމްގެ މަޝްވަރާތަކަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމްގެ އެދުމުގެ މަތީން ކުރި މަޝްވަރާ އެކެވެ.
އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ފަސް ގޮނޑި ކާމިޔާބު ކުރި އެވެ. އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ އިންތިހާބުގައި އެޕާޓީއިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.













