ފޯ ނޭޝަންސް ކަޕްގެ ވޮލީބޯޅަ މުބާރާތުގެ ފޯމެޓު އޮތް ގޮތުން ގައުމީ ޓީމްގެ ކުރިއެރުން ދެނެގަނެ މެޗަކަށް ފަހު މެޗަކުން ޓީމު ރަނގަޅުކުރަން ފުރުސަތު އެބައޮތް ކަމަށާއި، އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނެފި އެވެ.
އިއްޔެ ފެށި ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރޭ ގައުމީ ފިރިހެން ޓީމު 3-1 ސެޓުން މެލޭޝިއާ އަތުން ބަލިވި ނަމަވެސް ކޯޗު ވެލޯސޯ ހުރީ އިތުބާރާ އެކުގަ އެވެ. އޭނާ ބުނަނީ ލީގު ބުރުގެ ކޮންމެ މެޗަކީ ޓީމްގެ ކުރިއެރުން ވަޒަންކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެއީ، ހަތަރު ޓީމު ވެސް ސެމީ ކުޅެގެން ފައިނަލަށް ދެވެން އޮތުމުން އަދި ހާސްވާނެ ހާލަތެއް ނެތް ކަމަށް ވެސް ވެލޯސޯ ވަނީ ފާހަގަކޮށްފަ އެވެ.
ރޭގެ މެޗަކީ މިދިޔަ އަހަރެއްހާ ދުވަހު ގައުމީ ޓީމު ގޮވައިގެން މަސައްކަތް ކުރި ވެލޯސޯ ރަސްމީކޮށް ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ.
މެލޭޝިއާ މެޗާ ގުޅޭގޮތުން ކޯޗު ވެލޯސޯ ބުނީ ފެނުނީ ވަރަށް އޯގަނައިޒް، އެޓޭކް ވަރުގަދަ އަދި ވިސްނުންތެރި ޓީމަކުން ރާއްޖެ ބަލިކުރިތަން ކަމަށެވެ.
ކުރިން ބަހްރޭން ވޮލީ ޓީމަށް ކޯޗުކޮށްދިން ވެލޯސޯ ބުނީ މެލޭޝިއާ އިން ވަރަށް ބޯޑަށް ރާއްޖޭގެ ގޭމް ރީޑްކޮށްގެން ކުޅުނު ކަމަށެވެ. މެޗުގެ ތެރެއިން އޭނާ ރާއްޖޭގެ ޓީމަށް ގެނައި ބަދަލުތައް ވެސް މެލޭޝިއާ އިން ވަރަށް ރަނގަޅަށް ދަސްކޮށް އެ ބަދަލުތަކަށް ތައްޔާރުވި ކަން ވެލޯސޯ ފާހަގަކުރި އެވެ.
"މެޗުގައި ގެންނަން ބޭނުންވި ބަދަލުތައް ކޮންމެވެސް ވަރަކަށް ވޯކްކުރި. މިސާލަކަށް ސާވިސް ސްޓައިލާއި އެއްޗެހި. އެކަމަކު، އަނެއްޓީމުން އަހަރުމެން ގެނައި ބަދަލުތައް ރީޑްކޮށް ފަހުން އަނެއްކާވެސް ވަރުގަދަކުރި. މެލޭޝިއާ ފެނުނީ ވަރަށް ވަރުގަދަކޮށް. އެޓީމުގެ ގުޅުން، ކޯޑިނޭޝަން ވަރަށް ރަނގަޅު." ބްރެޒިލް އަށް އުފަން ވެލޯސޯ ބުންޏެވެ.
ވެލޯސޯ ބުނީ މި މެޗުގައި ޓީމުން ރަނގަޅު ގިނަ ކަންކަންވެސް ފާހަގަވި ކަމަށާއި، އެކަމަކު، ރަނގަޅު ކުރަންޖެހޭ ކަންކަންވެސް ވަރަށް ގިނަކަމަށެވެ.
"މިސާލަކަށް އަހަރުމެންގެ ސާވިސްތައް ވަރަށް ގިނައިން ބޭރަށް ދިޔަ، ރިސީވްތައް އެންމެ ރަނގަޅަށް ނޫން ދިޔައީ. އޭގެ ސަބަބުން ސެޓިންތައް ނުހެދި ދިޔައީ. އެކަންކަން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުރާނަން" ރަނގަޅު ކުރަން ހުރި ކަންކަމަށް އިޝާރާތްކޮށް ވެލޯސޯ ބުންޏެވެ.
ވެލޯސޯ ބުނީ، ދެން، އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ކުޅުންތެރިން މާ ބޮޑަށް ޕްރެޝަރުގައި ތިބެ ކުޅުން ކަމަށެވެ. މެޗުގެ މުހިންމު ދަނޑިވަޅުތަކުގައި ލިބޭ ޗާންސް ބޯޅަތައް ނިންމާނުލެވި ދަނީ މާ ބޮޑަށް ކުޅުންތެރިން އެހެނިހެން ޕްރެޝަރު ބޮލަށް ލައިގެން އުޅޭތީ ކަމަށް ވެސް ވެލޯސޯ ބުނެފައިވެ އެެވެ.
"ޓީމް ފެނުނީ ކުޑަކޮށް ޕްރެޝަރުގައި އޮތްތަން. ފަހަރެއްގައިވެދާނެ ރާއްޖޭގައި އޮންނަ މުބާރާތެއްވީމަ ކާމިޔާބު ހޯދަން ބޭނުންވެފައި ހުރި މިންވަރު ބޮޑުކަމުން ކުރިމަތިވާ ޕްރެޝަރެއް ކަމަށް ވެސް. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ފްރީކޮށް އަދި ނުކުޅެވިގެން އެ އުޅެނީ. ދެން އޮތް މެޗުގައި އެކަން ރަނގަޅު ކުރެވޭނެ ކަމަށް މި ބަލަނީ" ވެލޯސޯ ބުންޏެވެ.
އޭނާ ބުނީ ލީގު ބުރުގައި ކުޅޭ މެޗުތަކުގައި ކޮންމެ ނަތީޖާއެއް ނުކުތަސް ސެމީ ފައިނަލުން ފުރުސަތު އޮތުމަކީ އޮތް ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ގިނަ މެޗުތަކެއް ލިބި މުބާރާތުގައި ކުރިއަށްދާއިރު، ޓީމަށް އޭގެ ފައިދާ ކުރާނެ ކަމަށް ވެސް ވެލޯސޯ ގަބޫލުކުރެ އެވެ. އަނެއްކޮޅުން ބަލާއިރު މުބާރާތުގައި ކުޅޭ ހަތަރު ގައުމަކީ ވެސް ފެންވަރު ރަނގަޅު ހަތަރު ގައުމަށްވެފައި ވާދަވެރި މެޗުތަކެއް ފެނުމުގެ ފުރުސަތު ބޮޑުވުމަކީ އޭގެ ފައިދާ ހުރިހާ ޓީމަކަށް ކުރާނެ ކަމެއް ކަމަށް ވެސް ވެލޯސޯގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
ދިވެހި ޓީމްގެ ކަންކަން ހޯދައި ރަނގަޅަށް ތައްޔާރުވިން: މެލޭޝިއާ ކޯޗު
މެލޭޝިއާގެ ކޯޗު މެޗަށް ފަހު ބުނީ އެ ޓީމް މި މުބާރާތަށް ތައްޔާރުވިއިރު އެންމެ ބޮޑަށް މައުލޫމާތު ހޯދީ ރާއްޖެއާ ގުޅޭގޮތުން ކަމަށެވެ. އަދި ރާއްޖޭގެ ޓީމްގެ އެޓޭކިން ސްޓައިލަށް މެލޭޝިއާ އިން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށް އެ ޓީމުގެ ކޯޗުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
މެޗުގައި އެންމެ ބޮޑަށް ފާހަގަވީ މެލޭޝިއާ އިން ޓީމްގެ ސްކޮޑުގައި ހިމެނުނު ހުރިހާ ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތުދިން ތަނެވެ. ކޮންމެ ކުޅުންތެރިއަކު ވެސް މަދުވެގެން އެއް ސެޓު ފުރިހަމަކުރި އެވެ.
ކޯޗު ބުނީ އޭނާގެ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ބެންޗުގައި ތިބި ކުޅުންތެރިން ވެސް މެޗުގެ ހާލަތަށް އަބަދުވެސް ފިޓުކުރުން ކަމަށާއި، އެ ޓީމު ޕްރެޝަރަށް ދިޔަ ދަނޑިވަޅުގައި އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރި ކަމަށެވެ.
މެލޭޝިއާ ކުޅޭ ދެ ވަނަ މެޗުގައި އެ ޓީމް ނިކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މިއަދު މެންދުރު 14:30 ގަ އެވެ.












