ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން މެލޭޝިއާ އަތުން 3-1 ސެޓުން މިރޭ ބަލިވެއްޖެ އެވެ.
ރާއްޖޭގެ އަންހެން ވޮލީ ޓީމު މެލޭޝިއާ އަތުން މިއަދު ހަވީރު ބަލިވީ 3-2 ސެޓުންނެވެ. ފިރިހެން ޓީމު ކައިރިން މެލޭޝިއާ މޮޅުވި މެޗުގައި ސެޓުތައް ދިޔައީ 25-20، 25-20، 20-25 އަދި 25-18 އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ކުޅުން ހަމަހަމަކޮށް ދިޔަ ނަމަވެސް ވަކި ހިސާބަކުން ފެނިގެންދިޔައީ، ރަނގަޅު ޝޮޓްތަކަކާ އެކު، މެލޭޝިއާ އިން ޕޮއިންޓްތަކެއް ސްކޯކޮށް، ފަރަގު ބޮޑުކުރަން ފެށިތަނެވެ. ރާއްޖެ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ އެޓޭކްތަކެއް ފެނުނު ނަމަވެސް، މެލޭޝިއާގެ ޑިފެންސް ރަނގަޅުއިރު، އެ ޓީމުގެ ސެޓަރު، ހައިރޯލް ޝަޒްރީމް ދޭ ބޯޅަތަކުގައި އެ ޓީމުގެ ކުޅުންތެރިންގެ ހަމަލާތައް ފެނިގެންދިޔައީ ތަފާތު ކޮށެެވެ. އެ ފަރަގު ބޮޑުވެ، ފުރަތަމަ ސެޓު މެލޭޝިއާ އިން 25-20 އިން ގެންދިޔަ އެވެ.

ރާއްޖޭގެ ރައްޒާން ޖަހާ ޝޮޓެއް ބްލޮކްކުރަން ސިންގަޕޫރުގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ސެޓު ފަށައިގެން ރާއްޖޭގެ ހުސެއިން ވިޝާމް (ބުޅިކެ) ކުޅުން ރަނގަޅުކުރިއިރު، މެލޭޝިއާ އިން ކުރާ އެޓޭކްތަކާ އެއްވަރަށް ރާއްޖޭގެ ސްކޯ ދެމެހެއްޓުމުގައި، ރާއްޖޭގެ ކެޕްޓަން ހުޒަންޓެ އާއި ހުސެއިން ރައްޒާން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު، ސެޓުގެ މެދަކާ ހަމައިން ރާއްޖޭގެ ރިސީވްގައި ގިނަ މައްސަލަަތައް ދިމާވެ، މެލޭޝިއާ އިން ލީޑެއް ނަގަން ފެށި އެވެ.
މެލޭޝިއާ އިން 14-11 އިން ލީޑުގައި އޮއްވައި، ރާއްޖޭގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. އެހެން ނަމަވެސް ޓައިމްއައުޓަށް ފަހު، ވެސް ރާއްޖޭގެ ކުޅުމަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އެއް ލެވަލެއްގައި ކުޅެ، ރާއްޖެ އަށް ގާތްގާތުގައި ޕޮއިންޓެއް ނުހޯދި ދިޔައިރު، މެލޭޝިއާގެ ޝޯން އެންގިއާޕް ރަނގަޅު ސްކޯތަކެއްކޮށް، އެ ޓީމުގެ ލީޑު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ. ނަތީޖާ އަކަށްވީ މި ސެޓު ވެސް 25-20 އިން ގެންގޮސް މެލޭޝިއާ އިން އިތުބާރު ބޮޑުކުރުމެވެ.
ތިން ވަނަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭން އެއް ޕޮއިންޓުގެ ލީޑެއް ނަގައިގެން ކުޅެމުން ދަނިކޮށް، މެލޭޝިއާ އިން ވަނީ އެއްވަރުކޮށްފަ އެވެ. އެކަމަކު، ފޯކަސް ގެއްލުނަނުދީ ރާއްޖޭން އަނެއްކާ ވެސް އެއް ޕޮއިންޓުގެ ލީޑަކާ އެކު ކުޅެން ފަށައި، ފަހުން ދެ ޕޮއިންޓުގެ ލީޑަކަށް ބަދަލުކޮށްލި އެވެ. ރާއްޖޭން 10-13 އަށް ސްކޯ ބަދަލުކޮށްލުމާ އެކު މެލޭޝިއާ އިން ޓައިމް-އައުޓެއް ނެގި އެވެ.
ޓައިމް-އައުޓަށް ފަހު މެލޭޝިއާ އިން ކުރިއަށް ވުރެ ރަނގަޅަށް ކުޅެން ފެށި އެވެ. އަދި 15-15 އިން ސްކޯ އެއްވަރުކުރުމާ އެކު، ރާއްޖޭން ވަނީ ޓައިމްއައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށް ފަހު، ކުޅެން އެރި ގޮތަށް ރާއްޖޭން ވަނީ އަލުން ލީޑުނަގައިފަ އެވެ. ރައްޒާން އާއި ޕާޓޭގެ ރަނގަޅު ޝޮޓްތަކެއް ފެނުނުއިރު، އޭގެ ބޭނުންހިފައި ރާއްޖޭން މި ސެޓު، 20-25 އިން ގެންގޮސްފަ އެވެ.

މެލޭޝިއާގެ ކުޅުންތެރިން މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ހަތަރު ވަނަ ސެޓު ފަށައިގެން، މެލޭޝިއާ އިން ލީޑެއް ނެގި ނަމަވެސް ރާއްޖޭން ކުޅުން ރަނގަޅުކޮށް 9-9 އިން އެއްވަރުކުރި އެވެ. އެހެން ނަމަވެސް މެލޭޝިއާ އިން ދެން ފެނުނީ އާ ހިތްވަރާ އެކު، ކުރިން ދައްކަމުން އައި ކުޅުން ތަކުރާރުކުރިތަނެވެ. މެލޭޝިއާ އިން ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރި ފަހުން، ރާއްޖޭގެ ހުޒަންޓެ އާއި އާދަމް ފައިރޫޒް ރަނގަޅު ޝޮޓުތަކެއް ފޮނުވާލި އެވެ. އެކަމަކު، މެލޭޝިއާ އިން ޕޮއިންޓަަކަށް ފަހު ޕޮއިންޓެއް އަޅުވަމުން ގޮސް، 17-12 ގައި ސްކޯ އޮއްވައި، ރާއްޖޭން ޓީމު ހަމަޖެއްސޭތޯ ޓައިމް-އައުޓެއް ނެގި އެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ރާއްޖޭގެ ކުޅުން ރަނގަޅު ނުކުރެވި، މެލޭޝިއާ އިން މި ސެޓު، 25-18 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.
މުބާރާތުގައި މާދަމާ މެންދުރު 14:30 ގައި ކުޅޭނީ ފިރިހެން ޑިވިޝަނުގައި މެލޭޝިއާ އާއި އަފްގާނިސްތާންގެ މެޗެވެ. އަފްގާނިސްތާނުން ވަނީ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ފަހަތުން އަރައި 3-1 ސެޓުން މޮޅުވެފަ އެވެ. ރާއްޖޭގެ އަންހެން ވޮލީ ޓީމު ސިންގަޕޫރާ ދެކޮޅަށް މާދަމާ ހަވީރު 16:30 ގައި ކުޅޭއިރު، ރާއްޖޭގެ ފިރިހެން ޓީމުން ސިންގަޕޫރާ ކުޅޭ މެޗު އޮންނާނީ މާދަމާރޭ 20:30 ގަ އެވެ.












