އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަފުދެއް އެމްޑީއޭގެ ލީޑާޝިޕާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ސަން ސިޔާމް ބިލްޑިންގައި އޮތް އެ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
އެމްޑީއޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ އަލީ މައުރޫފާއި ޑރ. އައިޝަތު ރަފިއްޔާ އާއި، ކައުންސިލް މެންބަރުންގެ ތެރޭ ހިމެނޭ މުހައްމަދު އައްބާސާއި ޝުއައިބު އަލީ އެވެ.
އެ ބައްދަލުވުމަކީ ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެއް ކަން އެމްޑީއޭގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.
އޭނާ ވިދާޅުވީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ފަހު ނިންމުމެއް ނިންމާނީ މާދަމާ ހަވީރު ބާއްވާ ބައްދަލުވުމުގައި ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ އިތުރަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުވަތު އޮތް ކަން ފާހަގަ ކުރެއްވި އެވެ.

މިއަދު ހަވީރު 5:00 ޖަހާއިރު ޕީޕީއެމްގެ ލީޑާޝިޕް ވެސް ސަން ސިޔާމް ބިލްޑިންއަށް ވަޑައިގަންނަވާނެ އެވެ. ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމުން އެމްޑީއޭއަށް ފޮނުވާފައިވާ ކަން އެ ދެ ޕާޓީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ފަސް ގޮނޑި ކާމިޔާބު ކުރި އެވެ.
އެއަށް ފަހު ވެސް ޕީޕީއެމްއާ އެކު ތަފާތު އެކި މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އިންތިހާބަށް ޕީޕީއެމްއިން ކުރިމަތިލީ އެމްޑީއޭގެ ތާއީދާ ނުލަ އެވެ. އެމްޑީއޭއިން އެ އިންތިހާބުގައި ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.












