ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށް، ކޯލިޝަން ދެމެހެއްޓުމަށް އެދި ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއާ މެދު ގޮތެެއް ނިންމުން އެހައި އަވަސް ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްއާރުއެމް އިން ބުނެފި އެވެ.
މިދިޔަ މަހުގެ 31، ގައި ރައީސް ސޯލިހު ސޮއި ކުރައްވައި ޕާޓީތަކަށް ފޮނުއްވި ސިޓީއާ މެދު އެމްއާރުއެމްއިން ގޮތެއް ނިންމާފައި ވޭތޯ "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް، އާމިނަތު ނާދިރާ ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު އަދި ވަކި ގޮތަކަށް ޕާޓީން ނިންމާފައި ނުވާ ކަމަށާއި އެފަދަ މަޝްވަރާއެއް ވެސް އަދި ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
"ޕާޓީގެ ޒައީމް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި، ޒައީމް ވަޑައިގެންނެވީމާ، ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނީ،" އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫން މިވަގުތު ހުންނެވީ މެލޭޝިއާގަ އެވެ. އެ މަނިކުފާނު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށް ނާދިރާ ވިދާޅުވި އެވެ.
"މިއީ އެހައި އަވަހަށް ގޮތެއް ނިންމަންޖެހޭ ކަމެއް ކަމަަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ މެދު އެ ޕާޓީން ވަކި ގޮތެއް އަދި ނިންމާފައި ނުވާއިރު، ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއަރުއެމްގެ ރައީސް، ފާރިސް މައުމޫން ރިޔާސީ އިންތިހާބަށް ނެރުމަށް ގޮވާލައި އެ ޕާޓީގެ މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރަމުންނެވެ.
ރަސްމީ ސިފައެއްގައި އެކަމާ ގުޅޭގޮތުން އެމްއާރުއެމް އިން ވާހަކަދައްކާފައި ނުވި ނަމަވެސް އެ ޕާޓީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް އެކްޓިވިސްޓުން އެ ކެމްޕޭނުގައި ބައިވެރިވެ އެވެ.
އެމްއާރުއެމްގެ އިތުރުން ރައީސް ސޯލިހު ދެން ސިޓީ ފޮނުއްވި އަނެއް ދެ ޕާޓީގެ ތެރެއިން އަދާލަތު ޕާޓީން ވަނީ ކޯލިޝަން ދަމަހައްޓައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ. ކޯލިޝަނުގައި ދެން ހިމެނޭ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް ހޮނިހިރު ދުވަހު ނިންމާނެ އެވެ.
ރިޔާސީ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެކި ޕާޓީތަކާ އެކު ކުރަމުންނެވެ.
ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ކޮއްކޯފުޅު ރައީސް ޔާމީނާ ހިޔާލު ތަފާތުވެ ޕާޓީ ދޫކޮށްލެއްވުމަށްފަހު ޖެހިގެން އައި، 2019، ގައި ރައީސް މައުމޫން އިސްކޮށް ހުންނަވައި އުފެއްދެވި އެމްއާރުއެމްގައި މިދިޔަ ޑިސެމްބަރާ ހަމައަށް ތިބީ 3018 މެންބަރުންނެވެ.












