ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ފޭސްޓޫގައި މާރުކޭޓެއް ގާއިމްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ މި ދައުރުގެ 90 ވަނަ ރަސްމީ ޖަލްސާގަ އެވެ. މި ޖަލްސާގައި ވާހަކަ ދައްކަަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާާރު 10،000 އެއްހާ އާއިލާއިން ދިރިއުޅެމުން އަންނަ އިރު ރޯދަމަހު ތަރުކާރީ އާއި މޭވާ ގަތުމަށް ދުރަށް ދަތުރުކުރުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ. މި މާާރުކޭޓު ގާއިމްްކުރާނީ ރޯދަމަހު ސިޓީ ކައުންްސިލުން ކުރިއަަށް ގެންދާ ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެފަރާތްތަކަށް ރަމަޟާންމަހު މާލެ އާއި ހަމަޔަށް އައިސް ނުވަތަ ފޭސް 1 އަށް ގޮސް ދުރު ހިސާބުތަކަށްގޮސްގެން މި ބޭނުންވާ ތަރުކާރީ އާއި މި ތަކެތި ހޯދުން ދަތި ކަމަކަށް ވެދާނެ، އެހެންވީމަ މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަންގެންދާނީ," މުއިއްޒު ވިދާޅުވި އެވެ.
މި މާރުކޭޓު ގާއިމްކުރާނީ އެތަނުން ސިޓީ ކައުންސިލަށް ވެސް ފައިދާވާ ގޮތަށް ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މިކަމުގެ މަޝްވަރާތައް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާ އެކުވެސް ކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް އެއްްބާރުލުން ދޭނެ ކަމަށް އެޗްޑީސީން ނުރަސްމީކޮށް ބުނި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އިރު އެތަނުގައި ސްކޫލަކާއި ބަހުގެ ހިދުމަތްތައް ދިނުން ސަރުކާރުން ވަނީ ފަށާފަ އެވެ. އަދި ހިޔާޓަވަރުތަކާއި ބައެއް އަމިއްލަ ބިންތަކުގައި އެކި ކަހަލަ ފިހާރަ އަދި އެ ނޫން ވެސް ވިޔަފާރިތަައް އަންނަނީ ހިންގަމުންނެވެ.












