ރާއްޖޭގައި ހޯސްޓްކުރާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުން ލިބޭ ކޮންމެ ފުރުސަތަކީ ވެސް ބޮޑު އެއްޗެއްގެ ގޮތުގައި ދެކިގެން އޭގެ ބޭނުންހިފައި ރަނގަޅު ކުރިއެރުންތަކެއް ހޯދަން ބޭނުންވާ ކަމަށް ގައުމީ ފިރިހެން ވޮލީ ސްކޮޑުގައި މި ފަހަރު ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔާ، މާއިޝް އަހުމަދު (ކޮއްކޮ) ބުނެފި އެވެ.
ވީއޭއެމްގެ މިހާރުގެ ލީޑަޝިޕުން އައިސް ހިންގި އެކްސެލަންސް ޕްރޮގްރާމެއްގެ ތެރެއިން ޑިވެލޮޕްވެގެން އައުމަށް ފަހު، އިންޑޯ ވޮލީބޯޅަ ސީޒަނުގައި ވެސް މިދިޔަ އަހަރު ޕޮލިސް ކްލަބްގައި މާއިޝް، 18، ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގައުމީ ސްކޮޑުގައި ވެސް ދޮޅު އަހަރެއްހާ ދުވަހު ހޭދަކުރިއިރު، މާއިޝް އަށް ކުޅެލަން ލިބޭ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން މާލޭގައި ގައުމީ ޓީމުން މި ފަހަކަށް އައިސް ކުޅުނު އެކުވެރިކަމުގެ މެޗުތަކާއި މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގެ އިތުރުން މިއަދު ފަށާ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވާން ދާދި ފަހުން ތައިލެންޑްގައި ކުރިއަށްދިޔަ ކޭމްޕްގައި ކުޅުނު މެޗުތަކުން މާއިޝް އަށް ކުޅެލަން ލިބޭ ފުރުސަތުތައް އިތުރުވި އެވެ.
"ގައުމީ ޓީމުގައި ޕްރެކްޓިސްކުރާތާ މިހާރު އަހަރެއްވެއްޖެ. އިންޓަނޭޝަނަލް މުބާރާތެއްގައި އަދި މެޗެއް ކުޅެން ނުލިބުނަސް ބައެއް މެޗުތަކުގައި ކުޅެލަން ލިބުނު. ސައުދީ ކޭމްޕްގަޔާއި ތައިލެންޑް ކޭމްްޕްގައި ލިބުނު މެޗުތަކުގައި ހުރިހާ މެޗެއްގައި ވެސް ކުޅެލަން ލިބުން. މި ބަލަނީ ކުރިއަށް އޮތް މުބާރާތުގައި (ފޯ ނޭޝަންސް ކަޕްގައި) ކުޅެން ލިބި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް،" އުންމީދާ އެކު، މާއިޝް ބުންޏެވެ.
"އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބޭ މުބާރާތެއް ވީމަ އެއީ ވަރަށް މުހިންމު އެއްޗެއް. ޓީމަށް އިރާދަކުރެއްވިއްޔާ ރަން މެޑަލެއް ލިބޭނެ،"
މާއިޝް ބުނީ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ކަންކަން ދަސްކުރާއިރު، ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.
"އެންމެ ޔަންގް ކުޅުންތެރިޔާއާ ބަލާފައި އެންމެންގެ ވެސް ސަޕޯޓް ހަމަ ވަރަށް ލިބޭ. ހުރިހާ ކުޅުންތެރިންގެ ވެސް ސަޕޯޓް ހަމަ ވަރަށް ލިބޭ،"
ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން، މެލޭޝިއާ އާއި ސިންގަޕޫރު އަދި އަފްގާނިސްތާން އެވެ. ރާއްޖޭން ފުރަތަމަ މެޗުގައި މިރޭ 20:30 ގައި މެލޭޝިއާއާ ދެކޮޅަށް ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ސިންގަޕޫރާ ކުޅުމަށް ފަހު، ހޮނިހިރު ދުވަހުގެރޭ ލީގު ބުރު ފަހު މެޗުގައި އަފްގާނިސްތާނާ ބައްދަލުކުރާ މެޗު ވެސް އޮންނާނީ 20:30 ގަ އެވެ.
ފޯ ނޭޝަންސް ކަޕްގެ ފޯމެޓް ރޭވިފައިވާ ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު ހަތަރު ޓީމު ވެސް ސެމީގައި ކުޅޭނެ އެވެ. އެއް ސެމީގައި އެއް ވަަނަ ކުޅޭނީ ހަތަރު ވަނަ އާ އެވެ. ދެ ވަނަ ސެމީގައި ދެ ވަނަ ބައްދަލުކުރާނީ ތިން ވަނަ ޓިމާ އެވެ. ދެ ސެމީން މޮޅުވާ ދެ ޓީމު ފައިނަލްގައި ބައްދަލުކުރާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ.
މި ފަހަރުގެ ފޯ ނޭޝަންސް ކަޕަކީ މިދިޔަ އަހަރުގެ މާޗް މަހު ގައުމީ ޓީމާ ހަވާލުވި ކޯޗު ސާޖިއޯ ވެލޯސޯގެ އިރުޝާދުގެ ދަށުން ޓީމު ކުޅޭނެ ފުރަތަމަ މުބާރާތަށެވެ.












