ކުޑަކުއްޖަކާ ބެހުނު ބިދޭސީ މީހާއަށް ރާއްޖެއިން ފުރައިގެން ދިއުމުގެ ފުރުސަތު ލިބުނީ އެ މައްސަލަ ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރު ނެރެ ނުދިނުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނެފި އެވެ.
މި މައްސަލައިގައި މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "އަދަދު" އަށް ވިދާޅުވީ، ކްރިމިނަލް ކޯޓުން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ސިލްވަމޮނީގެ މައްޗަށް މައްސަލަ ސާބިތު ނުވި ހިސާބުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމި ކަމަށާއި، އިސްތިއުނާފު ކުރުމަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރު ކުރުމަށް ދުވަސް ނަގާނެތީ ހައި ކޯޓުގައި އޭނާ ބަންދު ކުރުމަށް އެދުނު ކަމަށެވެ.
"ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް (ހައި ކޯޓުގައި އެދުނީ)، ފިލާފާނެ ކަމަށް ބެލެވޭތީ، ދެން ހައިކޯޓުން ފުރަތަމަ ރަޖިސްޓްރާ މަރުހަލާގައި އެ މައްސަލަ ބޭރުކޮށްލީ، ބޭރުކޮށްލީމަ އަޅުގަނޑުމެން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅީމަ އެ މަޖިލީހުން މައްސަލަ ބަލާފަ ނިންމެވީ ބަންދުކުރާނެ ތަނެއް ނެތް ކަމަށް" ޝަފީއު ވިދާޅުވި އެވެ.
އަދި، ރަމޭޝް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނީ އޭގެ ފަހުން ކަމަށާއި، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އޭނާ ހުއްޓާ ލިޔެކިޔުމުން ނޫނަސް އެ އިދާރާއަށް ޕީޖީއިން ރަމޭޝްގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފަ އޮތްކަން އަންގާފައިވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ހުށަނޭޅި އޮތަސް އިސްތިއުނާފު ކުރުމަށް ނިންމާފައި އޮތް ކަމަށް މައުލޫމާތު ދެވިފައި ވަނިކޮށް އަދި ކޯޓަށް ހުށަހެޅި ފަހުން އޭނަ ޑީޕޯޓުކޮށްލާފައި މިވަނީ" ޝަފީއު ވިދާޅުވި އެވެ.

ރަމޭޝް، މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވަނީ އިމިގްރޭޝަނުންނެވެ. މި މައްސަލައިގައި ފާޑުކިޔުންތައް އަމާޒުވުމުން އިމިގްރޭޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާ ޑީޕޯޓުކޮށްލިއިރު އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ދާކަން ނޭނގޭ ކަމަށެވެ.
"ރާއްޖެއިން ޑީޕޯޓުކޮށްލުމާ ހަމައަށް ވެސް އޭނާއާ ގުޅޭ އެއްވެސް ޖިނާއީ މައްސަލައެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފުކޮށްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި އިދާރާއަށް އަންގާފައިނުވާކަމާއި، ރަމޭޝް ސިލްވަމޮނީގެ ރާއްޖެއިން ފުރުން މަނާކުރާ އެއްވެސް އަމުރެއް މި އިދާރާއަށް ލިބިފައި ނުވާކަމުގައިވެސް ދަންނަވަމެވެ،" އިމިގްރޭޝަނުގެ ބަޔާނުގައި ވެއެވެ.
ރަމޭޝްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މި މައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އިރު، ދައުލަަތުން މިކަމާ ގުޅޭ ގިނަ ހެކިތަކެއް އޭނާއާ ދެކޮޅަށް ހުށަހެޅި އެވެ.












