އަވަސް އަރުވާލައިގެން ހުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޮތް ފުރުސަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން އިންތިހާބީ ހައްގުތައް ނިގުޅައިގަނެ، އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަކީ އެމަނިކުފާނަށް ސަޕޯޓުކުރާ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް، ދައުވާ އުފުލާ އަވަސްއަރުވާލައިގެން ހުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތްބާނާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމެއްް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ޕީޕީއެމް އިން ބުނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފުރަތަމަ ހުކުމަކީ ވެސް ހައްގު ނޫން ހުކުމެއްކަން އިސްތިއުނާފް މަރުހަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އޮތް ކަމަށެވެ.

އަދި އިސްތިއުނާފީ މަރުހަލާއިން އެ ހުކުމް ބާތިލު ވެގެން ދާނެ ކަމަށް ސަރުކާރަށް ވެސް ގަބޫލުކުރެވެން ފެށުމާއެކު، އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އަވަސް އަރުވާލައިގެން ހުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭ ގޮތް ހެދުން ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެކަމާ ގުޅިގެން ކުރިއަށް ގެންދާ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށާއި ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.













