ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ އެމްޑީޕީ މެމްބަރުންގެ މެދުގައި ފެކްޝަން އުފެދި، ޕާޓީން ކަނޑައަޅާ ވިޕާ ހިލާފުވާ މިންވަރު އިތުރުވަމުންދާތީ، އެފަދަ މެމްބަރުންނަށް ފިޔަވަޅު އަޅަން ޕީޖީ ގުރޫޕުގެ ގަވައިދު ހަރުކަށި ކުރަން އިސްލާހެއް ހުށަހަޅަން ނިންމައިފި އެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ވަރުގަދަ ކޯޅުންގަނޑު ވަނީ މަޖިލީހަށް ވެސް ފެތުރިފަ އެވެ.
އެއާއެކު، ނަޝީދުގައި ފަޅީގައި ތިއްބެވި މެމްބަރުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރާ ދެކޮޅަށް ތަޅުމަށް ހުށަހެޅޭ އެކި ކަންކަމާ އެއްކޮޅަށް ވޯޓު ދެއްވަމުންނެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބައެއް ހުށަހެޅުންތަކާ ވެސް ދެކޮޅު ހައްދަވަމުންނެވެ.
މި މައްސަލަ ބޮޑުވެ، ވިޕާ ހިލާފުވާ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށި ކުރާނެކަމުގެ އިންޒާރު ޕީޖީ ގުރޫޕުގެ ލީޑަޝިޕުން ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.
"އަދަދު" އަށް ދެއްވި ހާއްސަ އިންޓިވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީން ވެސް ގިނަ ބާރުތަކާއި އިމްތިޔާޒްތަކެއްގެ ލިބިފައިވާ މަޖިލިސް މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ވަޒީފާއެއްގެ ހުންނަ މުވައްޒަފަކާ މެދު ވަޒީފާގެ އުސޫލުތަކާ ނޫނީ ކޮންޓްރެކްޓާ ހިލާފުވީމަ ވަޒީފާއިން ވަކިކުރާ ގޮތަށް މެމްބަރަކާ މެދު މާބޮޑު ފިޔަވަޅުތަކެއް އެޅުމަކީ ފަސޭހަކަމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޖީ ގުރޫޕުގެ ގަވައިދު މިހާރު އޮންނަ ގޮތުން، މެމްބަރަކާ މެދު ފިޔަވަޅެއް އެޅުމާ ހަމައަށް ދެވެނީ ތުރީލައިން ވިޕާ ހިލާފުވާ ހާލަތްތަކުގައި އެކަންޏެވެ.
ތުރީލައިން ވިޕާ ހިލާފުވުމުން މިހާރު އަޅާ ފިޔަވަޅުތައް
- ފުރަތަމަ ފަހަރު؛ ނަސޭހަތް ދިނުން
- ދެވަނަ ފަހަރު؛ މައާފަށް އެދެން އެންގުން
- ތިންވަނަ ފަހަރު؛ ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން
- ހަތަރުވަނަ ފަހަރު؛ މަގާމެއްގައި ހުރިނަމަ އެ މަގާމުން ވަކިކުރުން އަދި އެތެރޭގެ އިންތިހާބަކަށް ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާވުން
- ފަސްވަނަ ފަހަރު؛ ޕާޓީން ވަކިކުރުން
އެކަމަކު ތުރީލައިން ވިޕު ނެރެވެނީ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައިގެން ކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ދުވަހުން ދުވަހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި ގަރާރުތައް ފަދަ ހުށަހެޅުންތަކަށް ޕީޖީގެ ބައްދަލުވުމެއް ނުބޭއްވޭތީ، ޕީޖީ ގުރޫޕުގެ ލީޑަޝިޕުން ޓޫލައިން ވިޕު ނެރެންޖެހޭ ކަމަށެވެ.
އެހެންކަމުން، އެގޮތަށް ކުއްލިއަކަށް ނެރެންޖެހޭ ޓޫލައިން ވިޕާ ހިލާފުވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ގޮތަކަށް ގަވައިދަށް އިސްލާހެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
"އަޅުގަނޑުމެން މި ޕްރޮޕޯޒް ކުރާ ގޮތަކީ ޓޫލައިން ވިޕާ ހިލާފުވީމާ ފުރަތަމަ ފަހަރަށް ނަސޭހަތްދީ، ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ލިޔުމުން ނަސޭހަތް ދިނުން. ތިން ވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ، ތުރީލައިން ވިޕަކާ ހިލާފުވުމާ ހިސާބަށް ދެން ފިޔަވަޅުތައް ދާނެ،" އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން، އަސްލަމް ވިދާޅުވި ގޮތުގައި، ތުރީލައިން ވިޕާ ހިލާފުވެގެން އަޅާ ފިޔަވަޅުތައް ވެސް އިތުރަށް ހަރުކަށި ކުރުން މި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
ތުރީލައިން ވިޕާ ހިލާފުވުމުން އަޅާ އާ ފިޔަވަޅުތައް
- ފުރަތަމަ ފަހަރު؛ ނަސޭހަތް ދިނުމާއި މާފަށް އެދެން އެންގުން
- ދެވަނަ ފަހަރު؛ ޕާޓީގެ މަގާމެއްގައި ހުރިނަމަ އެ މަގާމުން ވަކިކުރުން އަދި ޕާޓީގެ ސްލޮޓެއްގަ ކޮމިޓީއެއްގެ މުގައްރިރު ނުވަތަ ނައިބު މުގައްރިރުކަމުން ވަކިކުރުން.
- ތިންވަނަ ފަހަރު؛ ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގަ ޕާޓީގެ ޓިކެޓުގަ ވާދަކުރުމުގެ ފުރުސަތު ގެއްލުން.
- ހަތަރުވަނަ ފަހަރު؛ ޕާޓީން ވަކިކުރުން
"ޓޫލައިން ވިޕާ ވެސް ތިން ފަހަރު ހިލާފުވެއްޖެނަމަ، ތުރީލައިން ވިޕާ ހަމައަށް ފިޔަވަޅުތައް ދާނެ. އޭގެ މާނައަކީ ޓޫލައިން ވިޕާ ވެސް ހިލާފުވެއްޖެނަމަ ކޮންމެ ތިން ފަހަރަކުން ދަރަޖަ މަތިވެގެންދާނެ," އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ގަވައިދަށް ގެންނަ މި އިސްލާހުތައް ދެން އޮންނަ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ހުށަހެޅިގެންދާނެ އެވެ.
ބައެއް މެމްބަރުންނަށް މިހާރު ވެސް ފިޔަވަޅު އަޅާފައި
މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ވިޕްލައިންތަކާ ހިލާފުވުމުން ތިން ފިޔަވަޅެއް އެޅުމަށް ފަހު ބައެއް މެންބަރުންނަށް ވަނީ އަންގައިފަ އެވެ.
ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި އަށް އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ.
އެހެން ނަމަވެސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަތް މެންބަރުން ވޯޓުގައި ބައިވެވަޑައިގެންފައިނުވެ އެވެ.
ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުންނަށް ތިން ސިޓީއެއް ޕާލިމެންޓްރީ ގްރޫޕުން ފޮނުވާފައިވާ ކަން އެނގިފައިވެ އެވެ.
މިގޮތުން، ފުރަތަމަ ސިޓީގައި ނަސޭހަތް ދީފައިވާއިރު ދެވަނަ ސިޓީގައި އަންގާފައިވަނީ މައާފަށް އެދި ލިޔުމުން ޕީޖީ ގްރޫޕްގެ ލީޑާޝިޕަށް ފޮނުވުމަށެވެ. ތިންވަނަ ސިޓީގައި އޮންނަނީ ޕާޓީން އިނާޔަތެއް ދޭނަމަ އެ އިނާޔަތެއް ކަނޑައިލުމަށެވެ.













