ކަނޑުދަތުރުކުރާ އުޅަނދުތަކަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެ އުޅަނދެއްގެ ވެރިފަރާތުން ޒިންމާ ވާން ޖެހޭނެ ކަމަށް ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދާ އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކާ ހަމައަށް ރައްކާތެރިކަމާއެކު ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަންވާނެ ކަމަށެވެ.
އުުޅަނދުގެ ވެރިފަރާތުގެ އިހުމާލުން ނުވަތަ އުޅަނދުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ނުބެހެއްޓުމުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ، އުޅަނދުގެ ވެރިފަރާތުން އުފުލަންޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުގައި އުޅަނދަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި ކެޕްޓަނުން ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަކުން ވެރިފަރާތަށް ދޭންޖެހޭނެ ކަމަށެވެ.
އުޅަނދުގެ ކެޕްޓަނުން ކަނޑު ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ދަތުރުކުރަމުން ދަނިކޮށް އުޅަނދުގެ ކެޕްޓަނުގެ ނުވަތަ ވެރިފަރާތުގެ ގަސްތަކާ ނުލައި ދިމާވާ ހާދިސާއަކާ ގުޅިގެން މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެ ހުންނަ ފަރާތުން ޒިންމާވާކަށް ނުޖެހޭނެ އެވެ.

ގަވައިދުގައި ބަޔާން ކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް 1،000ރ. އާއި 2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މި ގަވައިދަށް އަމަލު ކުރަން ފަށާނީ ތިން މަސް ފަހުން ކަމަށްވެސް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.












