އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި މަސްވެރިކަން ކުރުން އައްޑޫ ސިޓީ ކައުންސިލުން މަނާކޮށްފި އެވެެ.
އެ ސިޓީ މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައި ބުނީ "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ" ގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުން ފެށިގެން 100 ފޫޓްގެ ރޭޑިއަސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކުރަން ނިންމާފައިވާ ސަރަހައްދެއް ކަމަށެވެ.
އެ ސަރަހައްދުގައި ނާސް ޝާކް ނުވަތަ ނިދަން މިަޔަރު އާލާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ހިމާޔަތްކުރަން ނިންމާފައިވާ ސަރަހައްދުން މަސްވެރިކަން ކުރުން މަނާ ކަމެއް ކަމަށް ވަނީ އަންގާފަ އެވެ.

މުށި ކުލައިގެ މި މިޔަރުތައް ގާތްގަނޑަކަށް ތިން މީޓަރަށް ބޮޑުވޭ. --- ފޮޓޯ؛ އައްޑޫ ނާސް ޝާކް ސެންކްޗުއަރީ
އެ ސަރަހަދު ހިމާޔަތްކޮށް ނާސް ޝާކް ސެންކްޗްރީއެއް ހެދުމަށް ނޮވެމްބަރު 2022 ގައި އެ ކައުންސިލަށް ހުށަހެޅީ މީދޫ ކައުންސިލަރު އާމިނަތު ސާލިހާ އެވެ.

"އަދަދު" އަށް މައުލޫމާތުދެވަމުން މީދޫ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވީ ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކެވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން، ހުށަހެޅި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި މިނޫން ވެސް ކަނޑުގެ އެކި ދިރުންތައް ފެނުނު ކަމަށެވެ.
އަދި އެކަމާއި ގުޅިގެން، ޑައިވަރުންގެ ތެރެއިން އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ މަސައްކަތް ކުރުމަށް އުފެއްދި ޓީމަކުން ފާއިތުވި ހަތަރު އަހަރުތެރޭ އެ ސަރަހައްދަށް ދަތުރުކޮށް، އެ ސަރަހައްދު ރިސާޗްކޮށް ސާވޭ ކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެ ސަރަހައްދުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑު ކޮށްފައިވާ ކަމަށެވެ.
ސާލިހާ ވިދާޅުވީ އެ ސަރަހައްދު ވަށައިގެން 150-200 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައި ދެއްވުމަށް އެދެނީ އެ ސަރަހައްދަކީ "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ" ގެ ގޮތުގައި ޕްރޮމޯޓުކޮށް ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދަކަށް ވާތީ ކަމަށެވެ.
އެ ސަރަހައްދަކީ މީދޫން ފުރައިގެން ލޯންޗްގައި ހަތް މިނެޓުން ދެވޭ އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދަކަށްވެފައި އެ ތަނަކީ މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށް ވެސް އެކި ފަރާތްތަކުން ބޭނުންކުރުން އެކަށީގެންވާ ސަރަހައްދެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނާސް ޝާކް ނުވަތަ ނިދަން މިޔަރަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުން ވަރަށް ގިނައިން ފެންނަ ބާވަތެއްގެ މިޔަރެކެވެ. މުށި ކުލައިގެ މި މިޔަރުތައް ގާތްގަނޑަކަށް ތިން މީޓަރަށް ބޮޑުވެ އެވެ.












