ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދީފި އެވެ.
ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ ކަމަށާއި އެގޮތަށް މައުލޫމާތު އާންމުވާ ހާލަތްތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އުޅޭ ކަސްޓަމަރުންނަށް އޭގެ އަސަރު ކުރާ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ބީއެމްއެލްއިން އަބަދުވެސް ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް ކާޑުތަކުގެ މައުލޫމާތު އާންމުވެދާނެ ފަދަ އެއްވެސް އަމަލެއް ހިނގަމުންދޭތޯ ބަލައި މޮނިޓާ ކުރާ ކަމަށެވެ. އެގޮތަށް ބެލިބެލުމުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެ އެ ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން އެމީހުންނަށް ނޭނގި މުއާމަލާތްތަކެއް ހިންގާފައިވާ ކަން އެނގިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ކާޑުގެ ވެރިފަރާތަށް ނޭނގި އެފަދަ މުއާމަލާތްތައް ހިންގާފައި ހުރި ކާޑުތައް މިހާރު ބީއެމްއެލްއިން ވަނީ ބްލޮކް ކޮށްފަ އެވެ. އެހެންނަމަވެސް އެ ފަރާތްތަކަށް އާ ކާޑު ހެއްދުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތަށް ގެއްލިފައި ހުރި ފައިސާ، ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު އަނބުރާ ހޯދައިދޭނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ކަސްޓަމަރުންނަށް ދީފައިވެ އެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.













