ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގަންނަވާނެކަން އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފި އެވެ.
ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފަ އެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ. އަދި، އެމަނިކުފާނު ރާއްޖެ އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ވެސް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ލަންކާ ފިޔަވައި ރައީސް އެންމެ ގިނައިން ނުރަސްމީ ބޭނުންފުޅުތަކުގައި ވަޑައިގެންނެވީ ސިންގަޕޫރަށެވެ.
އެގޮތުން، ފެބްރުއަރީ 2022 ގައި، ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ވެސް އެ ގައުމުގައި ކުރެއްވި އެވެ. އެމަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އޮކްޓޯބަރު 2022، ގަ އެވެ.
އަދި، ޖޫން/ޖުލައި 2019 ގައި ސިންގަޕޫރަށް ރަސްމީ ހައިސިއްޔަތުން ވެސް އެމަނިކުފާނު ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ ސަރުކާރާއި ސިންގަޕޫރުގެ ސަރުކާރާ ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރި އެވެ.













