އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި މީހާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ފެބްރުއަރީ 17 ވަނަ ދުވަހުގެ ރޭ ހިތަދޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު އެ ރޭ 10:02 ހާއިރު ލިބުނު ކަމަށެވެ.
މި މައްސަލައިގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދިމ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން އައްޑޫގައި ސިލްސިލާ ގޮތެއްގައި މާރާމާރީތަކެއް ހިންގައިފައި އެވެ. އަދި، މިފަދަ މާރާމާރީތަކުގައި މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައި އެބަހުއްޓެވެ.












