މި މަހު 23-27 އަށް މާލޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް ފެންނަނީ ވަރުގަދަކޮށް ކަމަށާއި އެ މުބާރާތުގައި ކާމިޔާބެއް ހޯދޭނީ އެ ޓީމުތައް ބަލިކުރެވޭ ވަރަށް މަސައްކަތް ކޮށްގެން ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެެވެ.
ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން ނުކުންނާނީ ސިންގަޕޫރާއި އަފްގާނިސްތާން އަދި މެލޭޝިއާއާ ދެކޮޅަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން މިހާރު އަންނަނީ ތައިލެންޑްގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. ކޮންމެ ޓީމެއް ޕްރެކްޓިސް ފަސް މެޗު ކުޅޭއިރު، މި މެޗުތަކުގައި ނުކުންނަނީ ތައިލެންްޑްގެ ރަނގަޅު ފެންވަރު ޓީމުތަކާ ދެކޮޅަށެވެ.
ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ ކެޕްޓަން، ހުޒަންޓެ ބުނީ ފޯ ނޭޝަންސް ކަޕްގައި ކުޅޭ ޓީމުތައް ރާއްޖެއާ އެއް ފަންތިއެއްގައި ފެނުނު ކަމުގައި ވިޔަސް، އެ ޓީމުތައް ލެވަލްގެ ގޮތުންނާއި އެހެން ގޮތްގޮތުން ވަރުގަދަވާނެ ކަމަށެވެ.
"(ފޯ ނޭޝަންސް ކަޕްގައި ކުޅޭ) ގައުމުތައް އަނެއްހެން ބުނަންޏާ މިހާރު ރާއްޖެއާ އެއް ލެވަލެއްގައި އުޅޭ ގައުމުތަކެއް. އެހެން ނަމަވެސް ސިންގަޕޫރާއި އަފްގާނިސްތާން، މިހާރު ލެވަލްގެ ގޮތުން ރާއްޖެ އަށް ވުރެ ތަންކޮޅެއް މަތީގައި ކަންނޭނގެ އުޅެނީ، މެލޭޝިއާ ވެސް ތަންކޮޅެއް ވަރުގަދަ،" ހުޒަންޓެ ބުންޏެވެ.
"ވަރުގަދަވާނެ ހުރިހާ ޓީމެއް ވެސް، އަޅުގަނޑުމެންނަށް އޮންނާނީ މަސައްކަތް ކުރުން މުބާރާތް ކާމިޔާބުކުރަން،"

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން އޮފިޝަލުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަދަދު
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އަންނަ މަހަށް ވެލޯސޯ، ޓީމާ އެކު މަސައްކަތް ކުރާތާ އަހަރެއް ހަމަވާއިރު، އޭނާ އަށް އަދި ރަސްމީ މެޗެއްގައި ގައުމީ ޓީމާ އެކު މަސައްކަތް ކުރަން ފުރުސަތު ނުލިބެ އެވެ.
މިދިޔަ އަހަރުގެ ސެންޓްރަލް އޭޝިއަން ޒޯން މުބާރާތް ނުބޭއްވުނުއިރު، ގައުމީ ފިިރިހެން ޓީމުން ވަނީ މީގެ ކުރިން، އޮކްޓޫބަރު/ ނޮވެމްބަރުގެ ދުވަސްތަކެއްގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އަދި މިހާރު ތައިލެންޑްގައި ވެސް އަންނަނީ ޓްރެއިނިންގެ މުހިންމު ކަންކަން ކުރިއަށް ގެންދަމުންނެވެ.
ހުޒަންޓެ ބުނީ، ކޯޗު، ވެލޯސޯއާ އެކު ކުރެވޭ ޕްރެކްޓިސްތަކަށް ފަހު ފުރަތަމަ ފަހަރަށް މެޗަކަށް ނުކުންނައިރު، މީގެ ތެރޭގައި ޒުވާން ކުޅުންތެރިން ވެސް އެބަތިބި ކަމަށާއި ޓީމަށް އިތުބާރު ހޯދޭނެ ރަނގަޅު ކަންކަން ހާސިލްކުރަން ބޭނުންވާ ކަމަށެވެ.
"އަލަށް މި ގުޅުނު ކޯޗާ އެކީ އަހަރެއްހާ ދުވަހު މަސައްކަތް މި ކުރެވުނީ، ގާތްގަނޑަކަށް، އަނެއްހެން ބުނަންޏާ މި ކޯޗާ އެކީގައި ރަސްމީ އެއްވެސް މުބާރާތެއް ރަސްމީ އެއްވެސް މެޗެއް ނުކުޅެ، މުބާރާތަށް މި ނުކުންނަނީ ދެން، އަމިއްލަ ފަސްގަނޑުގައި މުބާރާތް ކުޅެން ލިބޭތީ އެ ހިތްހަމަޖެހުން އިނދޭ،" ގައުމީ ޓީމަށް ފާއިތުވި 10 އަހަރެއްހާ ދުވަހު ކުޅުނު ހުޒަންޓެ ބުންޏެވެ.
"އަލަށް ގުޅުނު ޖޫނިއާ ކުޅުންތެރިން ވެސް އެބަ އުޅޭ ބައިވަރު. ދެން އެ ކުޅުންތެރިން ވެސް އަމިއްލަ ފަސްގަނޑުގައި ގައުމީ ޖޯޒީގައި ކުޅެން ލިބުމަކީ އެ ކުދިން ވެސް އުފާކުރާނެ ކަމެއް. ދެން އުންމީދުކުރަނީ ރަނގަޅު ނަތީޖާ އަކަށް،"
ރާއްޖޭގައި ފަސް އަހަރަށް ފަހު ހޯސްޓްކުރާ ބައިނަލްއަގުވާމީ އިންޑޯ ފުރަތަމަ ވޮލީ މުބާރާތް، ފޯ ނޭޝަންސް ކަޕް ރޭވިފައި އޮތީ ހަތަރު ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ދެ ސެމީ ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށެވެ. އެއީ ގިނަ މެޗު ކުޅޭ ގޮތަށް ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.
ތައިލެންޑް ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ގައުމީ ވޮލީ ޓީމުތައް މާލެ ދިއުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ. އޭގެ ޖެހިގެން އަންނަ ދުވަހު މުބާރާތަށް މާލޭގައި ކޭމްޕް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.












