ދައުލަތަށް 45 އަހަރަށް ވުރެ ގިނަ މުއްދަތެއްގައި ހިދުމަތް ކުރުމަށްފަހު، ވަކިވެފައިވާ މީހުންގެ މައުލޫމާތު ރައީސް އޮފީހުން ހޯދައިގެން ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ވިދާޅުވީ އަމިއްލައަށް އިނާމަށް ނަން ހުށަހަޅަން ބޭނުން ނުވާ މީހުންނާއި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެފައިވާ މީހުންނަށް ވެސް އިނާމު ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަން ފެށުމުގެ ގޮތުން އަޅުގަނޑު މިހާރު ގަސްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި 45 އަހަރަށް ހިދުމަތް ކުރުމަށް ފަހު މި އިނާމު ލިބިވަޑައިނުގަންނަވާ 70 އެއްހާ ބޭފުޅުން އެބަ ތިއްބެވި އެވެ. މިހާތަނަށް މި އިނާމު ވަނީ ޖުމްލަ 309 ފަރާތަކަށް ދީފަ އެވެ.

ގައުމީ ފެންވަރުގެ ޝަރަފުވެރި މިފަދަ އިނާމެއް ދޭން ނިންމީ އެ މީހުން ކޮށްދީފައިވާ ހިދުމަތްތަކަކީ އަގުވަޒަން ނުކޮށް ދޫކޮށްލެވޭނެ ހިދުމަތްތަކަށް ނުވާތީ ކަމަށެވެ.
"އެބޭފުޅުން އެ ކުރެއްވި ހިދުމަތްތަކަކީ، ހަޔާތުގެ ވަރަށް ބޮޑު ބައެއް ގައުމީ ހިދުމަތަށް ހުސްކުރައްވައި، ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށްޓަކައި ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ވެވަޑައިގެންނެވި ގުރްބާނީއެއް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވަނީ ޖުމްލަ 86 ފަރާތަކަށް އިނާމު އަރުވައިފަ އެވެ.











