ޓްރާންސްޕޯޓް މިނިސްޓްރީގެ އީ-ޕޯޓަލް ހިދުމަތް މެދުކަނޑާލި ނަމަވެސް ސިމްސް ޕޯޓަލް މެދުވެރިކޮށް ޑްރައިވިން ލައިސަންސަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ އެ މިނިސްޓްރީގެ އޮފީސް, ހުޅުމާލޭގައި މިއަދު ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި, އެ މިނިސްޓްރީން ހިދުމަތް ދެމުންދާ އީ-ޕޯޓަލްގެ ހިދުމަތް މެދުކަނޑާލަން ވަނީ ޖެހިފަ އެވެ.
އެ މިނިސްޓްރީން ބުނީ އެ ހިދުމަތް މެދުކަނޑާލާނީ މާދަމާ މެންދުރު 2:00 އިން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ކަމަށެވެ.
އެހެން ނަމަވެސް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ލައިސަންސް ކާޑު ޑިޖިޓަލްކޮށް، ލައިސަންސަށް އެދުމާ ގުޅޭ ހުރިހާ ކަމެއް އޮންލައިންކޮށް ދޭން ޓްްރާންސްޕޯޓް މިނިސްޓްރީން ފަށާފައި ވަނީ މި މަހުގެ ތެރޭގަ އެވެ.













