ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ލޯނު ސްކީމުގެ 720 ފުރުސަތާ އެކު މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލައިފި އެވެ.
މި ފުރުސަތު އިއުލާނު ކޮށްފައި ވަނީ, އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑު އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްގެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ލޯނު ދޫކުރާނީ އިދާރީ ފީގެ ގޮތުގައި އެއް ޕަސަންޓު ޗާޖު ކުރާ ގޮތަށް ކަމަށް ލޯނު ސްކީމް އިއުލާން ކުރުމަށް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
އަދި، ލޯނު ނަގާއިރު, ޖުމުލަ ލޯނަށް އަރާ އަދަދު ދަރިވަރުންނަށް އެނގޭނެ ކަމަށާއި އެ އަދަދު ފަހުން ބަދަލު ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސްކީމުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ނުކުޅުދުންތެރިކަން ހުންނަ ދަރިވަރުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.

ހަމައެއާއެކު، ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް, އެ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު އެ ފުރުސަތު ހުޅުވާލީ ބައެއް ދާއިރާތަކުން ކަމުގައިވީ ނަމަވެސް މިއަހަރު ކޮންމެ ދާއިރާއަކުން ކިޔަވާ ދަރިވަރަކަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރުވެސް އަޅުގަނޑުމެން ލޯނު މިދެނީ އަޅުގަނޑުމެން އެކުލަވާލާފައިވާ ޓްރެއިނިން ނީޑްސް ރިކުއަމަންޓަށް ފެތޭ ގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ދާއިރާއަކުން ފުރުސަތު އިތުރުކުރީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އާދަޔާ ހިލާފަށް ގިނަ ދަރިވަރުން އެ ދާއިރާތަކުން ލޯނަށް ބޭނުންވާތީ ކަމަށެވެ.
އެގޮތުން, ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ދަރިވަރުންނަށް 60 ފުރުސަތު, ޑިގްރީ ފެންވަރުގައި އެމްބީބީއެސް ހަދަން 55 ފުރުސަތު އަދި މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރަށް 20 ފުރުސަތު ހުޅުވާލާފައިވާކަން މިނިސްޓަރު އިބްރާހިމް ހަސަން ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ޕައިލެޓް ކޯހަށް 10 ފުރުސަތު, އެމްބީބީއެސްއަށް 25 އަދި މެޑިސިންއަށް ހުޅުވާލީ 10 ފުރުސަތެވެ.
އަންނަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިނިސްޓަރު ވަނީ, ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން އެކަމަށް ހާއްސަކުރާ މައުލޫމާތު ސެޝަންތަކުގައި ބައިވެރިވެ, ރަނގަޅު މައުލޫމާތު ހޯދުމަށްފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ލޯނުގެ އުސޫލާއި, ކޮށްފައިވާ އިއުލާން ކިޔާ ފަރިތަކުރުމަށްފަހު އެޕްލައި ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.











