ސަރުކާރުގެ އޮފީސްތައް ހިންގަން އިތުރު އިމާރާތްތައް ބިނާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފި އެވެ.
އުމަރު ޒާހިރު އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ހިންގާނެ ތަނެއްގެ ދަތިކަން ކުރިމަތިވެ، ބައެއް އޮފީސްތައް ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައި ހިންގަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގަން ޖެހިފައި ވަނީ، އެ އޮފީސްތައް ހިންގަމުން އައި އިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުންނެވެ. އެގޮތުން ހުރަވީ ބިލްޑިން މިހާރު ތަޅަލާފައިވާއިރު ޣާޒީ ބިލްޑިން ވެސް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
"ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު. އޭގެފަހުން، ސަރުކާރުގެ ހިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރު ވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރު ވެސް ހޯދިފައެއް ނެތް," ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރު އޮފީސްތައް ހިންގާނެ އިމާރަތް ނެތުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އެ ހޭދަ މިހާރު ވެސް ބޮޑުވަމުން އަންނައިރު، މިއަދު ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތާއެކު، އެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ، އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާކަން." ސަރުކާރު އޮފީސްތައް ހިންގާނެ އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
މިއަދު ހުޅުމާލޭގައި ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޓްރާންސްޕޯޓް މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ވިދާޅުވީ އެ މިނިސްޓްރީތައް ބަދަލުކުރުމާއެކު، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަންޖެހޭ ހަރަދުތަކުގެ ބޮޑުބައެއް ސަލާމަތްވާނެ ކަމަށެވެ.












