ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އިންތިހާބުކޮށްފައިވާ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއަށްް ރިޔާސީ ޓިކެޓު ހަވާލުކުރުންްް މި މަހުގެ 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންްމައިފި އެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބަދުލް ސައްތާރު މިއަދު "އަދަދު"އަށް ވިދާޅުވީ، 17 ވަނަ ދުވަހު ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ބޭއްވުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި ޖަލްްސާ ބޭއްވުމަށް ނިންމާފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ.
އަނަސް ވިދާޅުވީ، ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ހުއްދައަށް މިހާރު އެދިފައި ވާނެ ކަމަށެވެ. މި ހުއްދަ ލިބިފައިވާ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބޮޑު ފަރަގަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. އެ އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 އިންސައްތަ ވޯޓެވެ.

އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ސިޔާސަތަކަށް ތާއިދުކުރާ ގޮފިތަކެއް ޕާޓީގެ ތެރެއިން އުފެއްދެވުމަށެވެ. އެ މަސައްކަތް ކުރަމުން ދަަނީ އެމްޑީޕީން ތާއިދުކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.













