އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އެ ގައުމުން ޑީޕޯޓްކޮށްލައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު"އަށް ވިދާޅުވީ ސަމަދު އިންޑިއާއިން ޑީޕޯޓް ކޮށްލުމަށްފަހު މިއަދު ރާއްޖެ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
"އިންޑިޔާއިން ޑީޕޯޓް ކޮށްލާފައި މިއަދު މެންދުރުގެ ފްލައިޓަކުން މިކޮޅަށް ފޮނުވާލާ ހަބަރު ލިބިފައި އޮތީ. މިހާރު ފްލައިޓުގަ ހެން ހީވަނީ،" ހިނާ ވިދާޅުވި އެެެވެެެ.
އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް އަބްދުއްސަމަދު ގެންދިޔައީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓަ އިއްޔެެގެ ވަގުތެެއްގަ އެވެ.
ނަމަވެސް، އޭނާ ހިފެހެއްޓި ސީދާ ސަބަބެއް އަދި ރަސްމީކޮށް އެނގިފައެއް ނުވެ އެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައިވެެެސްވެ އެވެ.
މީގެކުރިން ވެސް ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މީހުން އިންޑިއާގައި ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ.
ޕީޕީއެމްއިން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސިޔާސީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕެއިން ކުރަނީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަކުރަމުންދާ ކަމަށް ބުނެ, އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ.
މި ކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގައި ހުރި ދިވެއްސަކު 11 ފެބްރުއަރީ 2023 ގައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާ ކަމަށެވެ.











