މާލެ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ހިއްސާ އޮންނަ ށ. ކަނބާލިފަރުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން މި އަމުރު ނެރެފައިވަނީ އާދަމް މަނިކާ ދެކޮޅަށް އިޓަލީގެ ރައްޔިތެއް ކަމަށްވާ ފްރަންކިން ޖުޒެއްޕެ އެ ކޯޓަށް ހުށަހަޅާފައިވާ ދައުވާ ނިމެންދެނެވެ. މި އަމުރު ނެރެދިނުމަށް ކޯޓުގައި އެދުނީ އާދަމް މަނިކުގެ ގައިރު ހާޒިރުގައި ޖުޒެއްޕެގެ ފަރާތުންނެވެ.
އާދަމް މަނިކުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ އަކީ ޖުޒެއްޕެ އަށް ނޭނގި މަކަރާއި ހީލަތުން ށ. ކަނބާލިފަރު، އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފައިވާތީ އެކަމުގެ ބަދަލާއި، އެ ރަށް ތަރައްގީކުރުމަށް ކޮށްފައިވާ ހަރަދު އަނބުރާ ހޯދުމަށް އެދި ކޮށްފައިވާ ދައުވާއެކެވެ.
ދެހާސްހަވަނަ އަހަރު އޭރުގެ ޓުއަރިޒަމް މިނިސްޓްރީއިން ކަނބާލިފަރު ކުއްޔަށް ދިނީ އަލީ ޝަރީފް ނަމަކަށް ކިޔާ މީހަކަށެވެ. އެއަށްފަހު ކަނބާލިފަރު އެއްބަސްވުމުގެ ދަށުން އަލީ ޝަރީފަށް ލިބިފައިވާ ހުރިހާ ހައްގެއް އިޓަލީގެ ފްރަންކިން ޖުޒެއްޕެ އަށް ވިއްކާލީ އެވެ. އަދި ޕަވާ އޮފް އެޓާނީވެސް ޖުޒެއްޕެއަށް ދިނީ އެވެ.
ނަމަވެސް ޖުޒެއްޕެ އަށް ރާއްޖޭގައި ހުރެވެން ނެތުމުގެ ސަބަބުން ޕަވާ އޮފް އެޓާނީގެ ބޭނުންކޮށް އޭނާ ވަނީ އޭނާގެ ފަރާތުން ހުރިހާ ބާރެއް ލިބިދޭ ފަރާތަކަށް އާދަމް މަނިކު އައްޔަންކޮށްފަ އެވެ. މި ބާރާއެކު އާދަމް މަނިކު އޭގެ ނާޖާއިޒު ފައިދާ ހިފާ ޖުޒެއްޕެއަށް ނޭނގި، އާދަމް މަނިކުގެ ހިއްސާއާއި އެކު ކަނބާލިފަރު ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް ހަދާ މަކަރާއި ހީލަތުން އެ ރަށް އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ޖުޒެއްޕެގެ ދައުވާގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ މި އަމުރު ނެރެދިނުމަށް ޖުޒެއްޕެ އެދިފައިވަނީ މައްސަލަ ނުނިމެނީސް ށ. ކަނބާލިފަރުގެ ސްޓްރަކްޗާ އަށް ބަދަލު ގެނައުމުގެ ބިރު އޮތުން ނުވަތަ އެ ރަށް އެހެން ބަޔެއްގެ މިލްކިއްޔާތުގެ ދަށަށް ބަދަލުކުރުމުގެ ބިރު އޮތުމުން ކަމަށެވެ.













