މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާ ގުޅޭ ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން، ތުރުކީގައި ދިރިއުޅެމުންދާ ދިވެހީންނަށް އެއްވެސް އަސަރެއް ކޮށްފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީ އާއި ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ. ގެ އޮފިސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި، ތުރުކީގައި އުޅޭ ކަމަށް 14 ދިވެހީން ރަޖިސްޓްރީކޮށްފައިވާއިރު، އެ ދިވެހީންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިން ހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމުލަ 14 ދިވެހިންނެވެ." މީޑިއާތަކަށް ފޮރިން މިނިސްޓްރީން ހިއްސާކުރި މެސެޖްގައިވެ އެވެ.
ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށާއި، އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީ އަވަހަކަށް އެ ކަން ކުރުމަށް މިިނިސްޓްރީން އެދެ އެވެ.












