މި އަހަރު އެޗްޑީސީން 72 ޒުވާނުން ތަމްރީނުކޮށް، ސަނަދު ދީފި އެވެ.
ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ގާބިލް ޒުވާނުން ބިނާކޮށް ކުރިއެރުވުމަށް ކޮންމެ އަހަރަކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމުގެ ފުރުސަތު ލިބެ އެވެ. އެގޮތުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަ ކުރުމަށްފަހު 72 ޒުވާނުން ވަނީ އެ ސަނަދު ހާސިލުކޮށްފަ އެވެ.
އެޗްޑީސީން ބުނާ ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިހްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައި ދިނުން ކަމަށެވެ.
އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުން ކަމަށެވެ.
މި އަހަރުގެ ޕްރޮގްރާމް ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔައިރު، 10 ދާއިރާއަކުން ބައިވެރިން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިން، މޭސަނަރީ، ގާޑަނިން، އިލެކްޓްރިކަލް، ބިލްޑިން މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިން އަދި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކްގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެ އެވެ.

އެޗްޑީސީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި ޕްރޮގްރާމް ހިންގި މިއީ ފަސް ވަނަ އަހަރެވެ. މިއީ 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ހިންގާ ޕްރޮގްރާމްތަކެކެވެ.













