ހިދުމަތްތައް އޮންލައިންކޮށް، ތަކުރާރުކޮށް އައިޑީކާޑު ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު ޑިޖިޓަލް އައިޑީ ތައާރަފުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އެ ތަކުލީފަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އަންނަ މާޗް މަހު ޑިޖިޓަލް އައިޑީ ލޯންޗު ކުރެވޭނެ ކަމަށެވެ.
"ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ, ވަން-ގަވް ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު," އަންނަ މާޗް މަހު ވަން-ގަވް ހިދުމަތް ވެސް ލޯންޗު ކުރެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަން-ގަވް ހިދުމަތުގެ ސަބަބުން ފުރަތަމަ ވެސް އިކޮނޮމިކް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ އަދި އެޗްޕީއޭގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވެގެންދާނެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ގާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދިނުމަސް ގާއިމުކުރާ މަރުކަޒުތަކެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، މުޅި ރާއްޖެ މިދަނީ ޑިޖިޓަލައިޒް ވުމާ ގާތަށް ކަމަށެވެ.













