ނ. މާފަރު އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ދިވެހި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
އެއާޕޯޓު ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ އިރު، އެއާޕޯޓު ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން ރަންވޭގެ 650 މީޓަރު ދިގުކޮށް ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމާއި، މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުން ހިމެނެ އެވެ.
މީގެ އިތުރުން ޓެކްސީވޭ ފުޅާކުރުމާއި، އޭޖީއެލް އަޕްގްރޭޑްކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑްކުރުން ވެސް މި މަޝްރުއޫގެ ދަށުން ކުރިއަށް ދާނެ އެވެ.
އެ މަޝްރުއޫ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިިންމުމަށެވެ. މި މަޝްރުއޫއަކީ އަބޫދާބީ ފަންޑުން 27.1 މިލިއަން ރުފިޔާ އަދި ދިވެހި ދައުލަތުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މަޝްރުއޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.













