ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބޯޑަރު ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިމިގުރޭޝަން ކޮންޓުރޯލަރު، އަހުމަދު ހުސައިން އެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ލަންކާގެ ފޮރިން މިނިސްޓަރު، އަލީ ސްބަރީއާ ދެމެދު ބޭއްވި ރަސްމިީ ބައްދަލުވުމަކަށްފަހު ލަންކާގަ އެވެ.
ދެގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އިންސާނީ ވަގުފާރި ހުއްޓުވުމާއި ބުލެކް ލިސްޓު ކޮށްފައި ތިބޭ މީހުންގެ މައްސަލަތަކުގައި ދެގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ފޯރުކޮށްދިނުމާއި އިމިގުރޭޝަންގެ ދާއިރާގެ ތަމްރީނުތައް ދެގައުމު ގުޅިގެން ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވި ވަގުތުގެ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި މިނިސްޓަރު ޝާހިދު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން މިހާރަށް ވުރެ ވެސް ބޮޑަށް ބަދަހިވެ ހަރުދަނާ ވާނެ ކަމަށެވެ.
އެ މަނިކުފާނު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ލަންކާގެ 75 ވަނަ މިނިވަން ދުވަހާ ގުޅިގެން ލަންކާއިން ދެއްވި ހާއްސަ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވާފަ އެވެ.












