ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން އައްޑޫ ސިޓީގެ އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން އިސްނަގައިގެން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާ ގުޅިގެންނެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިޔާތެއްގައި މިނިސްޓާރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެމްޑީ، ޔޫސުފް ސިރާޖް އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ފަރާތުން ރައީސާ، ނުސްރަތު ރަޝީދު އެވެ.
"އަދަދު" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ޑަބްލިއުޑީސީގެ ނައިބް ރައީސާ ނައުމާ އަބްދުﷲ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތައް ޓްރެއިން އޮފް ދަ ޓްރެއިނާ (ޓީއޯޓީ) ސެޝަނެއް ހިންގޭނެ ކަމަށެވެ.
"މިސެޝަންތަކުގައި ކުނި މެނޭޖްކުރުމުގެ ގާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވޭ. އަދި އައްޑޫގެ ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރެވުމުންދާ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގައި މިނިސްޓްރީން ހިންގާ ސަރަހައްދީ ފެންވަރުގެ ޕްރެޖެކްޓްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ," ނައުމާ އަބްދުﷲ ވިދާޅުވި އެވެ.

މީގެ އިތުރުން، އަލަށް ފަރުމާކުރެވެމުންދާ އައްޑޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ޒިޔާރަތްކޮށް މި މަސައްކަތާ ގުޅޭ މައުލޫމާތު ވެސް ދިނުމަށް ވެސް ވަނީ ރާވާފަ އެވެ.
މި ޓީއޯޓީ ސެޝަންގެ ތެރޭގައި އައްޑޫގެ ގޭބީސީތަކަށް ގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއް ވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފަ އެވެ. އަދި މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެމްބަރުންގެ ފަރާތުން އެކުލަވާލާ ވަކި ހާއްސަ ޕްލޭންއެއްގެ ދަށުން އައްޑޫ ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މި މައުލޫމާތު ދިނުމަށް ވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމް ހިންގަނީ މިނިސްޓްރީން މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕޭންގެ އިތުރުން ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕޭންގެ ދަށުންނެވެ.













