އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް "ރުއްޖެހެރެ" ނަމަކަށް ކިޔާ ސަރަހައްދަށް ގެއްލުންދީފައިވާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާއި ގުޅިގެން މައްސަލަ ބަލާފައިވާނެ ކަމަށެވެ.
މި ބެލި ބެލުމުން އެ ސަރަހައްދުން 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ވަނީ ދެނެގަނެވިފައި ކަމަށް އީޕީއޭއިން ނެރުނު ބަޔާނުގައި ވެއެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އެކު ޖުމްލަ 30,897,955.00ރ. ޖޫރިމަނާ ކުރުމަށް އީޕީއޭއިން ވަނީ ނިންމަފަ އެވެ.
އަދި، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކައި ހަލާސްކުރުމަށް ވެސް އީޕީއޭއިން ސިޓީ ކައުންސިލަށް އަންގާފައި ވެއެވެ.













