ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން މިއަދު ނެރުނު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ވެސް މިދިޔަ އަހަރު ރާއްޖެ އޮތް ރޭންކުގައި ހިފަހައްޓައިފި އެވެ.
މިއަދު ނެރުނު 2022 ގެ އިންޑެކްސްގައި ވެސް ރާއްޖެ އޮތީ 40 ޕޮއިންޓާ އެކު 85 ވަނަ ރޭންކުގަ އެވެ. މިދިޔަ 2021 ގައި ވެސް ރާއްޖެ އޮތީ އެ މަގާމުގަ އެވެ. އަދި، 2020 ވަނަ އަހަރު ރާއްޖެ އޮތީ 43 ޕޮއިންޓާއެކު 75 ވަނަ ރޭންކުގަ އެވެ.
ސީޕީއައި އަކީ 180 ގައުމު ހިމެނޭހެން އެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓުދޭ އިންޑެކްސްއެކެވެ. (100-0) ދެމެދުގެ މިންގަނޑެއް ބޭނުންކޮށް ގިންތިކުރެވޭ މި އިންޑެކްސްގައި 0 ރަމްޒުކޮށްދެނީ އެންމެ ކޮރަޕްޓު ދައުލަތްތަކެވެ. އަދި 100 އަކީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދު، ހާމަކަން ބޮޑު އަދި ސާފު ގޮތަކަށް ހިންގަމުންދާ ދައުލަތްތަކެވެ.
މި ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކުރާ ބައިނަލްއަގުވާމީ ތިން މަސްދަރަކީ ގްލޯބަލް އިންސައިޑް ކައުންޓްރީޒް ރިސްކް ރޭޓިންގް، ވެރައެޓީޒް އޮފް ޑިމޮކްރެސީ ޕްރޮޖެކްޓްގެ ޑޭޓާ، އަދި ވޯލްޑް ބޭންކް ކައުންޓްރީ ޕޮލިސީ އެންޑް އިންސްޓްޓިއުޝަނަލް އެސެސްމެންޓް (ސީޕީއައިއޭ) އެވެ.
މިއަހަރުގެ ސީޕީއައިއާއެކު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒުކޮށް އެއަށް އަމަލު ކުރުމުގައި ސަރުކާރުން އަދިވެސް ފަސްޖެހޭ ކަމަށެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، ޒިންމާދާރު ކުރުމުގެ ނިޒާމުތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކޮރަޕްޝަނާ މެދު ސިޔާސީ ގޮތުން ކުރަމުންގެންދާ ކަންތައްތަކާ މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކުރަމެވެ." އެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ވަގުތުން ވަގުތަށް ކުރާ ހަރުދަނާ އަދި އަދުލުވެރި މަސައްކަތަކަށް ވާންޖެހޭނެ ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ފަރާތްތަކަށް އަދަބު ނުދިނުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށާއި، ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގުކޮށް، އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފަ އެވެ.













