ހަތަރު ރަށެއްގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ތިން ބިޑެއް ހުށަހަޅާފައިވާ ކަަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފި އެވެ.
އެ މިނިސްޓްރީއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއާޕޯޓު އެޅުމަށް ނިންމާފައިވާ ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށީގައި ހިއްކަން ޖެހޭ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެދި ތިން ބިޑެއް ލިބިފައިވާ ކަމަށެވެ.
އަދި މި ބިޑުތައް އެވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ހަތަރު ރަށުގެ އެއާޕޯޓަށް ބިޑު ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީއިން ކުރިއަށް ގެންދިޔައީ ރެސްޓްރިކްޓެޑް ޓެންޑަރިންއެކެވެ. އަދި ލިބިފައިވާ ތިން ބިޑު ހުށަހެޅި ފަރާތުގެ މައުލޫމާތެއްވެސް މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެ އެވެ.
މި މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލީ ޑިސެމްބަރު 21، 2021 ގަ އެވެ.

މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ. އެއީ ދިވެހި ރުފިޔާއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.












