އެކި ސްކީމްތައް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަނބުރާ ނުލިބި 186 މިލިއަން ރުފިޔާ ހުރިއިރު، އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2021 ވަނަ އަހަރު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، ލޯނު ދިން ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ 'ރިޕޭމަންޓް ޝެޑިއުލް' އާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ނުވުން ހިމެނެ އެވެ.
އެ މިނިސްޓްރީގެ މާލީ ބަޔާނާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ބުނީ، އެކި ސްކީމްތައް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުން 2021 ވަނަ އަހަރުގެ ނިޔަލަށް ނުލިބި އޯވާޑިއުގެ ގޮތުގައި ޖުމްލަ 186 މިލިއަން ރުފިޔާ ހުރި ކަމަށެވެ.
އޮވާޑިއުގެ ގޮތުގައި ބަޔާންކޮށްފައިވާ 105 މިލިއަން ރުފިޔާއަކީ ސައްހަ އަދަދުކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ މިނިސްޓްރީން މެނޭޖުކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލްތައް ގާއިމުކޮށްފައި ނެތުމުންނާއި އެކަށީގެންވަ ގޮތެއްގައި ހިސާބުތައް ބަލަހައްޓާފައި ނެތުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް 2021 ވަނަ އަހަރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ މީގެ ކުރީގެ އޮޑިޓް ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާއިރު، މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ޝަރީއަތަށް ވެސް ހުށަހަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.











