އައްޑޫ ސިޓީން އިތުރު 500 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.
މިފަހަރު އިއުލާންކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫން ގޯތި ދޫކުރުމަށެވެ. އެގޮތުން، 1500 އަކަފޫޓުގެ 500 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، ގޯތި ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ކެޓަގަރީ-އޭ އިން ހިތަދޫ ރައްޔިތުންނަށް 450 ގޯތި ދޫކުރާއިރު، ކެޓަގަރީ-ބީ އިން 50 ގޯތި ދޫކުރަނީ ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އަވަށު އޮފީހުން ރަސްމީ ބަންދު ނޫން ކޮންްމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެޑިގެން މެންދުރު 13:00އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ގޯތި ދޫކުރާނީ "އައްޑޫ ސިޓީއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ އެއްގޮތަށް ކަމަށް ވެސް އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

ހިތަދޫން 500 ގޯތި ދޫކުރަން އިއުލާން ކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވެސް އަައްޑޫ ސިޓީ ކައުންސިލުން ވަނީ މީދޫ، ހުޅުދޫ އަދި ފޭދޫ ހިމެނޭހެން ތިން ރަށުން ޖުމްލަ 500 ގޯތި ދޫކުރުމަށް އިއުލާން ކޮށްފަ އެވެ.
އެގޮތުން، ސިޓީ ކައުންސިލުން ހުށަހެޅީ މީދޫއިން 2000 އަކަފޫޓުގެ 100 ގޯއްޗާއި، ހުޅުދޫއިން 2000 ފޫޓުގެ 100 ގޯތި އަދި ފޭދޫއިން 1500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށެވެ. އެ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައްޑޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002 ވަނަ އަހަރެވެ. އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއާއެކު އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.













