ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީއާ ދިމާކޮށް އިދިކޮޅު ހަރަކާތްތައް އިތުރުވެ ޕްރައިމަރީ "ގަޑުބަޑު" ކުރުމަށް މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތީ އެ މަގުން ކަމަށް އިދިކޮޅުން ދެކޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި ޕްރައިމަރީގައި ރައީސް ސޯލިހުއާ ވާދަކުރައްވާ ރައީސް ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕަށާއި އަދި އެ ޕާޓީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އަދި، އިދިކޮޅުގެ މެމްބަރުން މި ޕްރައިމަރީގައި ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނަށް ތަރުހީބު ދެއްވާ ކަމަށް އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
އެއާ، ހިލާފަށް ރައީސް ސޯލިހަށް ތާއިދު ކުރައްވާ ބޭފުޅުން ގެންދަވަނީ އިދިކޮޅުން މި ޕްރައިމަރީގެ ތެރެއަށް ވަދެ ރައީސް ނަޝީދު ހޮވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި، އެއީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކުރަން ކުރާ ކަމެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.
ރައީސްގެ މުޅި ކެމްޕޭނުގައި ވިދާޅުވަމުން ދަނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުމެގެން ކަމަށެވެ. އެއީ، މީގެކުރީ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާތަކަށް ބިނާކޮށް ރައީސް ދައްކަވާ ވާހަކަފުޅެކެވެ.
މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މި ޕްރައިމަރީގެ ތެރޭގައި "އެހެން ކުލަތަކެއް" ޖެހެމުންދާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެމްޑީޕީ މެމްބަރުންގެ އަރިހުން އެކަމާ މެދު ވިސްނުމަށް މިއަދު އއ. މާޅޮހުގައި ވާހަކަފުޅު ދައްކަވަމުން އެދިވަޑައިގެންފަ އެވެ.

"ސާފުކޮށް އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެން އޮތްކަން އެނގޭތީ އެކަމަށް ހުރަސް އެޅޭނެ ކަންކަން އެ ބޭފުޅުން އެ ކުރައްވަނީ،" ރައީސް މިއަދު ވިދާޅުވި އެވެ.
ބައެއް ރަށްރަށުން އެފަދަ މަންޒަރުތައް ފެންނަމުންދާ ކަމަށާއި އެކަމުގެ މަގްސަދާ މެދު ހުރިހާ އެމްޑީޕީ މެމްބަރުން ވެސް ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް އެ ބޭފުޅުންނަށް [އިދިކޮޅު] ވާދަކުރެވެން އޮތީ ވެސް މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނުކުމެއް މި ތިބީ،"
އެމްޑީޕީއަކީ ޑިމޮކްރަޓިކް ނިޒާމުން ހިންގާ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާތަނަށް ވެސް އެ ޕާޓީން ނަމޫނާ ދައްކަމުންދާ ކަމަށާއި މި ޕްރައިމަރީން ވެސް އެކަން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ޕްރައިމަރީ ވެގެންދާނެ ނަމޫނާއަކަށް، ދެން ހުރި ސިޔާސީ ޕާޓީތަކަށް. އެހެންވީމާ މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށް ކިރިޔާ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށްލެވޭނެ ފުރުސަތެއް އޮތް ގޮތަށް އަނބުރާލުމަށްޓަކައި ކުރާ މަސައްކަތެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ކެމްޕޭނުގެ ތެރެއިން ވަޑައިގަންނަވާ ގިނަ ރަށްތަކުގައި އިދިކޮޅުން ދަނީ މަނީ ލޯންޑާ ކުރި ކަމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިދިކޮޅަށް ނިސްބަތްވާ މީހުން ވޯޓުލާ ކަމުގެ ޝަކުވާ މީގެކުރިން އޮވެ އެވެ. އެއީ އެ ޕާޓީން އަމިއްލައަށް ދަފްތަރު ބެލެހެއްޓި ދުވަސްވަރު އެވެ. މިފަހަރުގެ ޕްރައިމަރީގައި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބަލާނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް ދަފްތަރަށް ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން އޮތީ ނިންމާފަ އެވެ.
އޭގެ ސަބަބުން އެ ޕާޓީގެ ދަފްތަރުން 39،000 މެމްބަރުން ވަނީ އުނިކޮށްފަ އެވެ. އެއާ އެކު ރައީސް ނަޝީދު ގެންދަވަނީ އޭގެ ތެރެގައި ހިމެނެނީ އެމަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުން ކަމަށް ވިދާޅުވެ އެ ނިންމުމާ އެކު 70،000 ވޯޓު ކުރިއަށް އޮތް އިންތިހާބުތަކުން އެމްޑީޕީއަށް ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި 57،255 އެމްޑީޕީ މެމްބަރުން ވޯޓުލާނެ އެވެ. ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ވާދަކުރާ ފުރަތަމަ ޕްރައިމަރީ ވެގެން ގޮސްފައި މިވަނީ އެމްޑީޕީގެ ތާރީހުގައި އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް މުޅި ރާއްޖޭގައި ޕްރައިމަރީގެ ވޯޓުލުން އޮންނާނެ އެވެ.













