މެންޗެސްޓާ (ޖެނުއަރީ 24) - މެންޗެސްޓާ ސިޓީން މި ސީޒަނުގައި ކުރިއަށްދާއިރު، ކުރަން ޖެހުނު އެންމެ ބޮޑު ކަމަކީ އެ ޓީމުން މި ފަހަރު ގެނައި، ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ގޭމަށް ފިޓްވުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ސީޒަނުގައި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 63 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ސިޓީއާ ގުޅުނު ހާލަންޑް، އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާލަންޑް ވަނީ ސީޒަނުގައި މިހާތަނަށް 26 މެޗުން 31 ގޯލު ޖަހައިފަ އެވެ.
ހާލަންޑް ވަނީ ސިޓީ އާއި އިނގިރޭސި ފުޓްބޯޅައިގެ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ.
ހާލަންޑްގެ ހެޓްރިކުން ސިޓީން އާދިއްތަ ދުވަހުގެރޭ ވުލްވްސް ބަލިކުރި މެޗަށް ފަހު ގާޑިއޯލާ ބުނީ ހާލަންޑްގެ ފެންވަރާ މެދު އެއްވެސް އިރެއްގައި ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ސިޓީން ވެސް ހާލަންޑް ގެނައުމަށް ފަހު، ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެނައި ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
"ހަގީގަތަކީ ހާލަންޑްގެ އެންމެ ރަނގަޅު ކުޅުން ދައްކަން އަހަރެމެން ވެސް ޖެހުނު ބަދަލުތަކެއް ގެންނަން، އަހަރެމެންނަށް ހާލަންޑްގެ ކޮލިޓީ އެނގޭ، އެހެންވީމަ، އަހަރެމެންނަށް އެނގުނު ހާލަންޑް ޓީމަށް ލައިގެން ފޯލްސް ނައިން ސިސްޓަމަށް ކުޅެވެން ނެތް ކަމަށް. އެހެންވެ، އަހަރެމެން ޖެހުނީ ހާލަންޑްގެ މޮޅު ކުޅުން ދެއްކޭނެ ގޭމަށް ފިޓްވާން،" 2016 ވަނަ އަހަރުން ފެށިގެން ސިޓީގެ ކޯޗުކަން ކުރަމުން އަންނަ ގާޑިއޯލާ ބުންޏެވެ.
ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް އިރުޝާދުދިން ގާޑިއޯލާ ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ދިމާވީ ހާލަންޑް ފަދަ މަދު ކުޅުންތެރިއަކާ ކަމަށެވެ.
"ހާލަންޑަކީ 24 ގަޑިއިރު ވެސް އޭނަގެ ވަޒީފާއާ މެދު ވިސްނައި، އެކަން ރަނގަޅުކުރެވޭނެ ގޮތަށް ވިސްނުން ބަހައްޓައިގެން މަސައްކަތް ކުރާ ކުޅުންތެރިއެއް. ކަމެއް ގޯސްކޮށް ދިޔަސް އޭނަ އެކަމާ ވިސްނައިގެން އިތުރު ބޮލުގެ ރިހުމަކަށް ހަދަން ބޭނުމެއް ނުވޭ. އަމިއްލަ ކޮންފިޑެންސް ރަނގަޅު ކުރެވޭނެ ކަމަކަށް އޭނާ ބަލަނީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގައި މިހާރު އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ އެ ޓީމު މޮޅަށް ކުޅޭއިރު، އެންމެ ތައުރީފު ކުރަނީ ހާލަންޑަށް ކަމަށާއި ދަށްވާ ދުވަހު އެންމެންގެ ފާޑުކިޔުން ވެސް އަމާޒުވަނީ ހާލަންޑަށް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި ސިޓީ ޓީމުގެ ވާހަކަ ކޮންމެ ގޮތަަކަށް ދެއްކި ކަމުގައި ވިޔަސް ހާލަންޑް ހިމެނޭ ކަމަށާއި މިއީ އެ ކަންތައް ވާން ޖެހޭނެ ގޮތެއް ނޫން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.












