އދ. ގެ ސަލާމަތީ މަޖިލީޖުގެ އިތުރު ދައުރަކަށް އިންޑިއާ ހޮވުމަށް ރާއްޖޭން ތާއީދުކޮށްފި އެވެ.
ދިވެހި ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.
އިންޑިއާއިން އެ މަޖިލީހުގެ 2028 އިން 2029 ވަނަ އަހަރަށް ހޮވާ ވަގުތީ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާކަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިކަމުގައި ރާއްޖެއިން އިންޑިއާއަށް ތާއީދުކުރަން ނިންމާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މި މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި، އިންޑިއާއަށް ރާއްޖެއިން ތާއިދުކުރާ ސަބަބަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އުތުރުގެ އަތޮޅުތަކަށް ޖައިޝަންކަރު ކުރެއްވި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމުގެ އިތުރުން ރަސްމީ މަޝްވަރާތައްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސަލާމަތީ މަޖިލީހަކީ އދ. އެންމެ ބާރުވެރި އެއް މަޖިލީހަށް ވާއިރު އެ މަޖިލީހުގެ ދާއިމީ މެމްބަރުންނަކީ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި ފްރާންސްގެ އިތުރުން އިނގިރޭސިވިލާތެވެ. ދެން އެ މަޖިީހުގައި ތިބޭނީ ގައުމުތަކުގެ ވޯޓުން ދެ އަހަރުގެ މުއްދަތަކަށް ހޮވާ ވަގުތީ މެންބަރުންނެވެ. ނަމަވެސް ދާއިމީ މެންބަރުންނަށް ލިބޭ ވީޓޯ ކުރުމުގެ ބާރެއް ވަގުތީ މެންބަރުންނަކަށް ނުލިބޭނެ އެވެ.
ރާއްޖެއިންވެސް ވަނީ މީގެ ކުރިން އެ މަޖިލީހުގެ ގޮނޑި ހޯދުމަށް ވާދަކޮށްފަ އެވެ. 2018 ގައި ރާއްޖެއަށް ނާކާމިޔާބުވީ އިންޑޮނީޝިއާއާ ވާދަކުރުމަށްފަހުގަ އެވެ.













