ހއ. ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރަށް ހާއްސަ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓު ކާމިޔާބުކޮށްފި އެވެ.
އެ އިންތިހާބުގައި ދެ ކެނޑިޑޭޓަކު ވާދަކުރި އެވެ. ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީން ކުރިމަތިލި ފާތިމަތު ޝައުފާ އެވެ. މި އިންތިހާބުގައި ވާދަކޮށްފައިވާ ދެ ވަނަ ކެންޑިޑޭޓަކީ އަމިއްލަ ގޮތުން ވާދަކުރި ފަހީމާ މުހައްމަދެވެ.
އެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓަށް ލިބިފައި ވަނީ 237 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ލިބިފައި ވަނީ 203 ވޯޓެވެ. ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 448 އެވެ. ބާތިލް ވޯޓުގެ ގޮތުގާ އަށް ވޯޓު ގުނާފައިވެ އެވެ.
ތަކަންދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 675 މީހުން ތިބި އިރު ވޯޓުގައި ބައިވެރިވެފައި ވަނީ 66 ޕަސެންޓު މީހުންނެވެ.
ތަކަންްދޫ އަންހެން މެމްބަރަށް ހާއްސަ ގޮނޑި ހުސްވެފައި ވަނީ ކުރިން އެމަގާމުގައި ހުރި ޒާހިޔާ އަލީ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.














