މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީންގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ކަން އޭނާ މިއަދު ހާމަ ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ނޫރައްދީން ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައި އޮތީ ދިވެހިރާއްޖެއަށް ބޭނުންވަނީ އަމާންކަމާއި ހަމަޖެހުމާއި މަޝްވަރާ ކުރައްވާ އަދި ރޭވުންތެރި، ހަމަޖެހޭ ނިންމުން ނިންމާ ލީޑަރެއް ކަމަށެވެ.
"ކެންޑިޑޭޓު ނަމްބަރު އެކަކާއި ދޭއް އަޅުގަނޑަށް އެނގޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އެބޭފުޅުން ޑިމޮކްރަސީއަށްޓަކައި ކުރި މަސައްކަތުގައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއިން ވަނީ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދީފައި. [މިއަދު] ރާއްޖެއަށް ބޭނުންވަނީ އަމާންކަމާއި ހަމަޖެހުމާއި މަޝްވަރާ ކުރައްވާ، ރޭވުންތެރި، ހަމަޖެހޭ ނިންމުން ނިންމާ ލީޑަރެއް. އަޅުގަނޑު މި ހުރީ އިބޫއާއެކު،" ނޫރައްދީން އިނގިރޭސިބަހުން ލިޔުއްވި އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ނޫރައްދީނުގެ ތާއީދު ރައީސް ސޯލިހަށް އޮތްކަން ހާމަކުރެއްވިއިރު ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީސްގައި ދެން ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ތާއީދު ހޯއްދެވުމަށް މި ދުވަސްވަރު މަސައްކަތް ކުރައްވަމުންނެވެ.
އިބްރާހިމް ނޫރައްދީނަކީ ރަސްގެފާނު ހަސަން ނޫރައްދީނުގެ ކާފަ ދަރިކަލެކެވެ. ނޫރައްދީނުގެ ބައްޕާފުޅަކީ އަމީރު މުހައްމަދު ނޫރައްދީނެވެ. އެއީ ދިވެހިރާއްޖޭގައި އެންމެ ފަހުން ވެރިކަން ކުރެއްވި ޝާހީ އާއިލާ އެވެ.

ނޫރައްދީނަކީ މާޗް، 2019 އިން ފެށިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު މެމްބަރެކެވެ. އޭގެ ކުރިން 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެއާޕޯޓު ކޮމްޕެނީގެ ބޯޑުގައި އިންނެވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށް އެ ބޯޑުގެ ޗެއާމަނަކަށް ވެސް އިންނެވި އެވެ.
އޭގެ އިތުރުން ނޫރައްދީނަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު މެމްބަރެއް ވެސް މެ އެވެ. އެ ބޯޑުގައި އިންނަވަނީ ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުފެ ފަރާތުންނެވެ. ކާސާ ހޯލްޑިވްސްގްއަކީ މީރުފެންފުށި ރިސޯޓު ހިންގާ ކުންފުންޏެވެ. ސީގަލް ގްރޫޕްސްގެ ކުންފުނިތައް ވެސް ހިންގަނީ ކާސާގެ ދަށުންނެވެ. އަދި މޯލްޑިވްސް އިންފްލައިޓް ކެޓަރިންގެ ބޯޑުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
ނޫރައްދީނަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ވެސް ޑިރެކްޓަރެކެވެ. ކްރައުންގެ ދަށުން ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބޯޑުގައި ވެސް ނޫރައްދީން އިންނަވަ އެވެ. އަދިި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ ނުވަތަ މަޓީގެ ބޯޑުގައި ވެސް ނޫރައްދީން މަސައްކަތް ކުރައްވަ އެވެ.











