ހދ. ހަނިމާދޫގައި އަޅާ އެއާޕޯޓާއެކު މުޅި ބޮޑުތިލަދުންމަތީގެ އިގްތިސާދު ފުޅާވެ، ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ސަރަހައްދުގެ ރައްޔިތުންނަށް މިރޭ ދެއްވައިފި އެވެ.
އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓާައެކު "މި ސަރަޙައްދުގެ އިގްތިސާދު ފެނުން ތޮޅިލާ އުދަވާން ފަށާނެ" ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން އިގްތިސާދު ފުޅާވެގެންދާނެ ކަމަށެވެ.
"މި އެއާޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން، މި ސަރަޙައްދުގެ އިގްތިސާދު ފެނުން ތޮޅިލާ އުދަވާން ފަށާނެ. އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ. ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް، ބޮޑުތިލަދުންމަތީގާ އެތައް ގުނައެއް އިތުރުވެގެންދާނެ. އެކި ބާވަތްތަކުގެ ވިޔަފާރިތަކާ އިގްތިސާދީ މަސައްކަތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ. އިގްތިސާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް
އަގު: 136 މިލިއަން ޑޮލަރު
ކެޕޭސިޓީ: އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

ރަންވޭ: 2،46 ކިލޯމީޓަރު
ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓު އެޅުމުން ބޮޑުތިލަދުންމަތީގެ ޓުއަރިޒަމް ތަރައްގީވާން ފަށާނެ ކަމަށެވެ. އެ ސަރަހައްދަކީ ޓުއަރިޒަމްގެ ވިޔަފާރިއަށް ވަރަށް ރަނގަޅު، ރީތި ރަށްތައް ހުރި ސަރަހައްދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއާޕޯޓު ހުޅުވެން ވާއިރު، އެކުއެކީ އަންނަ އެހެން ބަދަލެއް ވާނެ. އެއީ މިބޮޑު ތިލަދުންމައްޗަކީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ، މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީ އަކަށްވާނެ. އަދި ޓޫރިޒަމް ތަރައްޤީކުރުމަށް ނަލަ ރީތި ގިނަ ރަށްތަކެއް އޮންނާނެ. މި ތިލަދުންމަތީގެ ހަމަ ކޮންމެ ރަށެއް، ހަމަ ކޮންމެ ރަށަކީ ވެސް ޓޫރިޒަމް ނުވަތަ ދަނޑުވެރިކަން ނުވަތަ އިގްތިސާދީ އެހެނިހެން ކަންކަމަށް ތައްޔާރުވެފާ އޮންނާނެ ރަށެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓާއެކު އިގްތިސާދު ފުޅާވުން ރާއްޖެ ދެކެ ތަޖުރިބާކޮށްފައިވާ ކަމަށެވެ. މާލެ ސަރަހައްދު ތަރައްގީވީ ހުޅުލޭ އެއާޕޯޓުގެ ސަބަބުން ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެގޮތަށް ހަނިމާދޫ އެއާޕޯޓާއެކު ބޮޑުތިލަދުންމަތި ތަރައްގީވާނެ ކަމަށެވެ.
"މިދެންނެވީ މި އެއާޕޯޓަށް ފަހު ތޮބީއަތު، އޭގެ ޒާތުން ގެނެސްދޭނެ ކުރިއެރުމާ ތަރައްގީ. މިތަން ދިވެހިން މިތިބީ ތަޖުރިބާ ކޮށްގެން. ބައިނަލްއަޤުވާމީ އެއާޕޯޓަކީ ތަރައްގީގެ ރަސްމަގަށް ހުޅުވޭ މައި ދޮރޯށިކަން އޮތީ ސާބިތުވެފަ. މީގެ ދިރިދިރި އޮތް މިސާލަކީ މާލެ ސަރަޙައްދުގައި އެއޮތް ހުޅުލެ،" ރައީސް ވިދާޅުވި އެވެ. "ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން، މިދާމަގުން ގޮސްގެން މަގުމައްޗެއް ނުވާނެ."











