ކާރިސާތަކަށް ތައްޔާރުވެފައިވާ، އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ގާއިމު ކުރުމުގައި ރާއްޖެއަށް އެހީތެރިވުމަށް ރާއްޖެއަށް އަލަށް އެކުލަވާލި ކަންޓްރީ ޕާޓްނާޝިޕު ފްރޭމްވޯކްއާ ގުޅޭގޮތުން ވޯލްޑް ބޭންކު ގުރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިއަހަރުން ފެށިގެން 2027 އާ ހަމައަށް އެކުލަވާލާފައިވާ ސީޕީއެފްގައި ވޯލްޑް ބޭންކު ގުރޫޕުގެ މެންބަރު ޖަމިއްޔާތަކުގެ ތެރެއިން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުގެ އިތުރުން މަލްޓިލޭޓަރަލް އިންވެސްޓުމަންޓު ގެރެންޓީ އޭޖެންސީން ރާއްޖެއާ އެކު މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައަޅާފައިވެ އެވެ.
އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށް މަސައްކަތް ކުރާ ކޯޕަރޭޝަނެކެވެ. އަދި މަލްޓިލޭޓަރަލް އިންވެސްޓުމަންޓު ގެރެންޓީ އޭޖެންސީއަކީ ސިޔާސީ ކަންކަމާ ގުޅޭ އިންޝުއަރެންސާއި ފައިސާ ހޯދަން ފަހިވާނެ ފަދަ ގެރެންޓީ ދޭ އޭޖެންސީ އެކެވެ.
އަލަށް އެކުލަވާލި ސީޕީއެފްގެ އަމާޒަކީ އިގުތިސާދީ ފުރުސަތުތައް އިތުރު ކުރުމާއި އިންސާނީ ވަސީލަތްތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ އިތުރުން ކުރިމަތިވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމެވެ.
އެ މަގުސަދުތައް ހާސިލު ކުރުމަށް މައިގަނޑު ހަތް ދާއިރާއަކަށް އަހައްމިއްޔަތުކަން ދޭނެ ކަމަށް ވޯލްޑު ބޭންކުން ބުނެ އެވެ. އެއީ:

- ތައުލީމާއި ސިއްހީ ނިޒާމުގެ ފެންވަރު ހަރުދަނާކުރުން
- މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީތެރިކަން އިތުރުކުރުން
- މާލީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ދެފުށް ފެންނަކަން ކަށަވަރުކުރުން
- މުރަކައިގެ ފަރުތައް ފަދަ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުން
- ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން އިތުރުކުރުން
- ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުން
- ދިވެހި ރައްޔިތުންނަށް ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުން
އަލަށް އެކުލަވާލި ސީޕީއެފް ތައްޔާރުކޮށްފައިވަނީ ސިސްޓަމެޓިކް ކަންޓުރީ ޑައިގްނޯސްޓިކް އަޕްޑޭޓެއްގެ ޒަރިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ކުރީގެ ސީޕީއެފް ތަންފީޒުކުރުމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އިލްމީ ބޭފުޅުންގެ އިތުރުން ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވޯލްޑު ބޭންކުން ބުނެ އެވެ.












