މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެން ފެށި ކޮވިޑް-19 ގެ ވޭރިއަންޓުތައް ދަަނެގަތުމަށް ހަދާ ޓެސްޓު ރާއްޖޭގައި ހަދަން ފަށައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރާއްޖޭގެ ގޮފިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަން ޖީން ސީކުއެންސިން މެޝިނުގެ ބޭނުންކުރަން ފަށާފަައިވާ ކަމަށެވެ. އެ މެޝިނުގެ ނަމަކީ "މީސެކް މެޝިން" އެވެ.
އެ މެޝިނަކީ ޑަބްލިއުއެޗްއޯއިން ރާއްޖެއަަށް ހަދިޔާކުރި މެޝިނެކެވެ. ރަސްމީކޮށް މި ޓެސްޓު ހަދަން ފަށާފައި ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން އިންޑިއާގައި ތަމްރީނުކުރުމަށް ފަހު އެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ކޮވިޑުގެ ވޭރިއަންޓު ދެނެގަތުމަށް ހަދާ ޓެސްޓުތައް މީގެ ކުރިން ހަދަމުން ދިޔައީ އިންޑިއާއަށް ސާމްޕަލް ފޮނުވައިގެންނެވެ.

ކޮވިޑްގެ ބައެއް ވޭރިއަންޓުތަކަކީ އަވަހަށް ފެތުރި އަދި އެވޭރިއަންޓު ޖެހުމުން އިތުރަށް ސިއްހަތަށް ނުރައްކާތެރިވާ ވޭރިއަންޓުތަކެއް ކަމުން ކޮވިޑަށް ފައްސިވުމާއެކު އެއީ ކޮން ވޭރިއަންޓެއްތޯ ބެލުމަކީ މުހިންމު ކަމެކެވެ. މި ބަލިމަޑުކަން ފެތުރުން މިހާރު ވަރަށް ބޮޑަށް މަތަވެފައި އޮތް ނަމަވެސް ބައެއް ދުވަސް ދުވަސްވަރު މިފަދަ ވޭރިއަންޓުތަކުގެ ސަބަބުންވެސް ކޮވިޑް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ އެވެ.
ރާއްޖޭގައި މި ވޭރިއަންޓުތައް ދެނެގަނެވޭނެ ޓެސްޓުތައް ހެދޭނެ އިންތިޒާމް ގާއިމްކުރެވުމަކީ ބާރުގަދަަ ވޭރިއަންޓުތައް ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމެކެވެ.













