މި ހަފްތާ ތެރޭގައި އައްޑޫ ސިޓީން ހާހެއްހާ ގޯތި ދޫކުރަން އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު "އަދަދު" އަށް މިއަދު ވިދާޅުވީ ދޫކުރަން ކަނޑައަޅާފައިވަނީ ސީދާ 1000 ގޯތި ނޫން ކަމަށާއި، އެއާ ގާތްކުރާ އަދަދަކަށް ގޯތި ދޫކުރަން އިއުލާން ކުރާނެ ކަމަށެވެ. އަދި އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް އިއުލާނު ކުރާނެ ކަމަށާއި، މި ހަފްތާގައި އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެންމެ ލަސް ވެގެން ވެސް އަންނަ ހަފްތާގައި އިއުލާން ކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ، ކޮންމެ ރަށަކުން 100 ގޯއްޗާއި ފޭދޫއިން 300 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ވެސް އައްޑޫގެ އެހެނިހެން ރަށްތަކުން ވެސް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ގޯތި އަބަދުވެސް ދޭން ނިންމައިގެންތާ މިތިބެނީ. އެކި ދަތިތަކާހެދި އެކަން ނުކުރެވި އޮތީ،" މިއީ ކުއްލިއަކަށް ނިންމި ނިންމުމެއްތޯ ސުވާލު ކުރުމުން ނިޒާރު ވިދާޅުވި އެވެ.

ނިޒާރު އިތުރަށް ވިދާޅުވީ ގޯތި ދޫކުރުމަށް މަސައްކަތް ކުރާތާ އަދި އުސޫލު ނިންމަން އުޅޭތާވެސް ވަރަށް ދުވަސްވެފައިވާ ކަމަށާއި، އެކަން ނުކުރެވިގެން ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ގޯތީގެ ވާހަކަތައް މާބޮޑަށް ދެކެވެން މިފެށީ މަސައްކަތް ގާތްގަނޑަކަށް ނިމެން އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002 ވަނަ އަހަރެވެ. ނިޒާރު ވިދާޅުވި ގޮތުގައި މިއާއެކު އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.













