ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ވައްކަން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓު މިއަދު އެމަނިކުފާނުގެ ވަކީލުންނަށް ދޫކޮށްފި އެވެ.
ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެއީ ފަޅު ރަށެއް ވިއްކުމުގައި ރިޝްވަތު ނަގައި، އެ ފައިސާ އިންވެސްޓު ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް އޮތީ މިއަދު ވިދާޅުވެފަ އެވެ.
އެންމެފަހުން ރިޕޯޓު ލިބިއްޖެ. ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް،" ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ޔާމީންގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް އެމަނިކުފާނަށް 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ. ހައި ކޯޓުން މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދާނެ ކަމަަށް ބެލެވެ އެވެ.

ޔާމީންއަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓެވެ. ނަަމަވެސް ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް މިވަގުތަށް ވަނީ ގެއްލިފަ އެވެ. އެކަމަކު އިދިކޮޅުން ބުނަނީ ޔާމީން ނޫން ބޭފުޅަކު ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ.












