ދިގު މުއްދަތަށް ބޭސްކުރާ މީހުނަށް ޑޮކްޓަރަށް ނުދައްކާ ބޭސް ސިޓީ އާ ކުރެވޭނެ ގޮތެއް އައިޖީއެމްއެޗުން ހަމަޖައްސައިފި އެވެ.
ރާއްޖެއަކީ އާބާދީއަށް ބަލާއިރު، ދިގު މުއްދަތަށް ބޭސްކުރާ މީހުން ގިނަ ގައުމެކެވެ. އަދި އާސަންދައިގެ އުސޫލު އޮންނަގޮތުން ނަމަ އެންމެ ދިގު މުއްދަތަކަށް ބޭސް ދޫކުރެވެނީ ތިން މަހަށެވެ. އެހެންކަމުން ދާއިމަށް ކާންޖެހޭ ބޭސް ހޯދަން ކޮންމެ ތިން މަހަކު އެއްފަހަރު ޑޮކްޓަރަށް ދެއްކުން ނޫން ގޮތެއް ބަލި މީހުންނަށް މީގެކުރިން ނޯވެ އެވެ.
ނަމަވެސް އައިޖީއެމްއެޗުން މިގެނައި ބަދަލާއެކު، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް ބޭސް ސިޓީ އާކުރަން އައިޖީއެމްއެޗުގެ މައި ކައުންޓަރުގައި ގާއިމްކޮށްފައިވާ 'ޑްރޮޕްބޮކްސް' އަށް ލެވޭނެ އެވެ.
އެ ފޮއްޓަށް ބޭސް ސިޓީ ލުމުން، ބޭސް ސިޓީ އާކުރުމަށްފަހު އައިޖީއެމްއެޗުން ގުޅާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "އަދަދު" އަށް ވިދާޅުވީ މިގޮތަށް ބޭސް ސިޓީ އާކުރަން އެދޭއިރު، އާކޮށްދޭނީ ބަލިމީހާގެ ރެކޯޑްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ކުރީގެ ބޭސް ސިޓީގައި ޑޮކްޓަރަށް އަލުން ދެއްކުމަށް ލަފާދީފައިވާނަމަ، އެ ބޭސް ސިޓީއަކާ ބެހޭގޮތުން ޑޮކްޓަރާ މަޝްވަރާ ކުރުމަށްހު ނޫނީ އާކޮށްނުދޭނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ސިޓީއެއް އާކުރާއިރު ޑޮކްޓަރެއްގެ މަޝްވަރާ ނުހޯދާނެ ކަމަށާއި، މަޝްވަރާ ބޭނުންވާ ކޭސްތަކުގައި މަޝްވަރާކުރުމަށްހު ބަލި މީހާ ނުވަތަ އެހީތެރިއަކަށް ގުޅައި އެކަން އަންގާނެ ކަމަށެވެ.
ދިގު މުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ވެސް ޑްރޮޕް ބޮކްސްގެ ހިދުމަތް ހާއްސަކުރަނީ ބޭހުގެ ޑޯޒޭޖު ބަދަލުކުރަން ނުޖެހޭ ފަރާތްތަކަށެވެ. ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ޑޯޒޭޖު ބަދަލުކުރަން ޖެހޭ ފަރާތްތަކަށް އަދިވެސް އޮތީ ޑޮކްޓަރަށް ދައްކައިގެން ބޭސް ސިޓީ އާކުރުމެވެ.













