ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެންނަވައި، އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 15 ވާ އާދީއްތަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.
ގައުމީ އިނާމު ދިނުމުގެ އުސޫލަށް ގެންނަވާ މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމެވެ.
އަދި 60 އަހަރުވި ކަމުގައިވި ނަމަވެސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ވެސް ކޮމެޓީން ނިންމި އެވެ.
މިހާރު އޮންނަ ގޮތުން ކުންފުނި ޖަމުއިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، ކުންފުނި، ޖަމުއިއްޔާ، ޖަމާއަތްތަކަށް ވެސް، ހިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވެސް ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.
އޭގެ އިތުރުން، މިހާރު އިނާމު ދެމުން ގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރާ ގޮތަށް ވެސް ކޮމެޓީން ނިންމި އެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާ އާއި އިންޖިނިއަރިންގެ ދާއިރާ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއް ނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި ހިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވެފައި ވުމުންނެވެ.
ހިތްވަރު ދިނުމުގެ އިނާމު ދޭނީ، އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ހިދުމަތް ކުރުމުންނެވެ. އަދި، ކުންފުނި ޖަމިއިއްޔާ ޖަމާއަތެއް ނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ.
މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.













