އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.
އެގޮތުން، އިދިކޮޅުން ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމަރަލް މުހައްމަދު ފައްޔާޒް ގަލާނީއާ އިއްޔެ ބައްދަލުކޮށް ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު "އަދަދު" އަށް ވިދާޅުވީ، ޕާކިސްތާނު ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި އެ ބައްދަަލުވުމުގައި ވެސް މަޝްވަރާކޮށްފައި ވާނީ އެކަމާ ގުޅިގެން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު އެމްބަސީތަކަށް ވެސް އަޅުގަނޑުމެން ވިޒިޓް ކުރާނަން އަދި ބޭރުގެ އެމްބަސީތަކަށް ވެސް އަޅުގަނޑުމެން ދާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެހެން ނަމަވެސް މަޝްވަރާތަކުގެ ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އާދަމް ޝަރީފްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހަައްމަދު ސައީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ.
ރައީސް ޔާާމީނަށް ޖަލު ހުކުމެއް އިއްވާފައިވާއިރު އެމަނިކުފާނު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެކަން ހާމަކޮށްފަަ އެވެ. އިދިކޮޅުން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އެކި ހަރަކާތްތައް ކުރިއަަށް ގެންދަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންދެ އެވެ.












