ރ. އަލިފުށީގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު އަލިފުށީގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އިސް ވަފުދު ވަނީ ބައިވެރިވަޑައިގެންފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްގީއެއް މި ދައުރުގައި އައިސްފައިވާކަން ފާހަގަކޮށް ރައީސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެގޮތުން އަލިފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިވަގުތަށް ބޭނުން ވެފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާއީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްގީގެ މަޝްރޫތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އާ ހޮސްޕިޓަލަށް ފަންޑް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ނިމިގެން ދިޔުމަށްފަހުގައި ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުން ކަމަށް ވިދާޅުވި އެވެ.













