މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ ދާއިމީ މެމްބަރުންގެ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
އެމްޑީޕީން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ދަފްތަރުގައި އޮތް 57،255 މީހަކަށް ވޯޓު ލެވޭނެ އެވެ. ވަގުތީ ލިސްޓު އާންމުކުރިއިރު 459 ނަމެއް އިތުރެވެ. އެ ލިސްޓުގައި 57،714 މީހުންގެ ނަން އޮތެވެ.
ވަގުތީ ލިސްޓާ މެދު ޕްރައިމަރީގައި ވާދަކުރައްވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ޝަކުވާތައް އިންތިހާބީ ކޮމިޓީން ވަނީ ބަލާފަ އެވެ. ބައެއް ނަންތައް އުނިކޮށް، ޕްރައިމަރީއަށް އިއުލާނުކުރި ޑިސެމްބަރު 18، އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީގެ ދަފްތަރުގައި ތިބި ހުރިހާ މެމްބަރުންގެ ނަން ވަނީ ހިމަނާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. އަދި، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓު ނަންބަރު ދޭކެވެ.
ދެބޭފުޅުންގެ ކެމްޕެއިނު ވެސް މިހާރު ފޯރީގައި ކުރިއަށްދާއިރު އެމްޑީޕީގެ މެމްބަރުންގެ ލިސްޓު ގަޑުބަޑުވެފައިވާ ކަމަށާއި އެމަނިކުފާނުގެ އަރިސް ގިނަ ބަޔަކުވެސް ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ނަޝީދު ދަނީ ތުހުމަތު ކުރައްވަމުންނެވެ.

ނަޝީދަށް އެންމެ ބޮޑު މައްސަލައަކީ، އެމްޑީޕީގެ މެމްބަރުންގެ ދަފުތަރު އިސްލާހު ކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އެ ޕާޓީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެމްބަރުން މަދުވުމުންނެވެ.
ނަމަވެސް. ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ބުނަނީ، ދަފްތަރު ގަޑުބަޑުވެފައި އޮތީ އިސްލާހު ކުރުމުގެ ކުރިން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް ވަގު ލިސްޓުތަކެއް ވައްދާ ކަމަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ބުނެ އެވެ.












